ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަަޅެއްގެ ގޮތުން ގޭގެއިން ބޭރަށް ކުނި ނެރެން އެންގި އެންގުން ނިމުމަކަށް ގެނައުމަށް ވެމްކޯއިން އެއްބަސްވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ތާޖުއްދީން ސްކޫލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީންވެސް އަމަލު ކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފަށަން ޖެހޭ ކަމަަށެވެ. އަދި އެކަމާ ގުޅޭގޮތުން ވެމްކޯއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފައިނުވާ ކަމަށާއި ބަދަލު ގެންނަނީ ސަރުކާރާއި އެޗްޕީއޭއާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ވެމްކޯއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެޅުނު ހާއްސަ ފިޔަވަޅެއްގެ ގޮތުން އޭޕްރީލް 16، 2020 އިން ފެށިގެން މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލު ބަދަލުކޮށްފައިވާއިރު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލު ގެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ވެމްކޯގައި މަގުތަކުން ކުނި ނަގާ އުސޫލަށް ބަދަލު ގެނައުމަށް އެދިފައިވާނީ މަގުތަކުގައި ކުނި ގިނަވުމަކީ އާންމު ސިއްހަތަށް ނުރައްކާވާ ކަމަކަށްވެފައި އެކަމުގެ ސަބަބުން އާންމު ރައްޔިތުނަށް ގިނަ އުނދަގޫތަކެއް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެދުނިން ގޯޅިތަކުގައި ހުންނަ ކުނިތައްވެސް ނަގައިދޭން. ވެމްކޯއިން ފުރަތަމަ ބުނީ ގޯޅިތަކުގެ ކުނިތައް ނުނަގާނެ ކަމަށް. ނަމަވެސް އެއީ އަޅުގަނޑުމެންނާއި އެބޭފުޅުންނާ ހަދާފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް. އަޅުގަނޑުމެން ހިދުމަތެއް އަޅުގަނޑުމެން އައުޓްސޯސްކޮށްފައި މިވަނީ ވެމްކޯއާ އެހެންކަމުން އެބޭފުޅުންވާނެ އެކަން ކުރަން. ފަހުން ކުރެވުނު މަޝްވަރާތަކުގައި އެބޭފުޅުންވެސް އެއްބަސްވި އެގޮތަށް އަމަލު ކުރަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މަގުތަކުން ކުނި ނެގުން ހުއްޓާލައި ކުރިއެކޭވެސް އެއްފަދައިން އެ ހިދުމަތް ދިނުމަށް ދުވަހެއް ކަނޑައަޅައި ވެމްކޯއަށް އެންގީ ދުރާލާ އެކުންފުނިން ތައްޔާރުވުމަށް ކަމަށެވެ.

"މިއަދު އެންމެ ފަހުން ބޭއްވި އެއްބަސްވުމުގައި އެބޭފުޅުން ވިދާޅުވި އެގޮތަށް އަމަލު ކުރައްވާނެ ކަމަށް. އިންޓާނަލް މީޓިންއެއް ބޭއްވުމަށް ފަހު އެކަމުގެ ތަފްސީލުތައް ދެއްވާނެ ކަމަށް. ފުރަތަމަ ހަމަ އެކި އުޒުރު އެބޭފުޅުން ދެއްކީ،" މުއިއްޒު ވިދާޅުވިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު "ވަން" އަށް މައުލޫމާތުދެއްވަމުން މީގެ ކުރިން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ ޓީމެއް އެ ކުންފުންޏާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރީންވެސް އަމަލުކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފެށުމަށް އެދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންވާނެ އެގޮތަށް ސިޓީ ކައުންސިލުން އެކަން ކުރަން ބޭނުން ނަމަ އެގޮތަށް ކުރަން ނިންމާފައި. އަޅުގަނޑުމެންނަށްވެސް ގަބޫލު ކުރެވޭ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އެއީ،" އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، ގޭގެއަށް ވަދެ ކުނި ނަގަން ފެށުމުގެ ސަބަބުން ބިލު ނުދައްކާ ހިދުމަތް ލިބިގަންނަ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އާދަމް އިތުރަށް ވިދާޅުވީ، މާލޭ ސަރަހައްދުގެ 50 އިންސައްތަ ގޭބިސީން ވެމްކޯގެ ހިދުމަތް ހޯދުމަށް ފަހު ފައިސާ ނުދައްކާ ކަމަށާއި އެކަމުގެ މާލީ ގެއްލުން ކުންފުންޏަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.