ޚަބަރު

ނައިފަރުގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ތިން ވަޒީރަކު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

އަލީ އަފާފް ރަމީޒު

ނައިފަރު ދާއިރާގެ ތިން މަޝްރޫއަކާ ގުޅިގެން ތިން ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެދި އެ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ހުށަހަޅުއްވައިފިއެވެ.

މަޖިލީހަށް ހާޒިރުކުރުމަށް ޝިޔާމް އެދިފައިވަނީ ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދު ހަސަނާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

މިނިސްޓަރު ހުސެއިން ހާޒިރު ކުރުމަށް ޝިޔާމް ހުށަހަޅުއްވާފައިވަނީ ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމުކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދެއް ނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށް ނުދާތީ އެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ އާއި މަސައްކަތް ފަށާނެ ތާރީހަކީ ކޮބައިތޯ ސާފު ކުރުމަށެވެ.

މިނިސްޓަރު އަސްލަމް ހާޒިރު ކުރަން އެދިފައިވަނީ ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްގެން 85 ފަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ސަރުކާރުން އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލާ އޭގެ އެތައް ދުވަހެއް ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެންވެސް މަސައްކަތް ކުރިއަށް ދާލެއް ލަސްވުމާއި އެކަމުގެ ސަބަބުން ބަޖެޓް ކުރެވިފައިވާ ނައިފަރުގެ މަގު ހެދުމުގެ މަސައްކަތް ވެސް ނުފެށި ވާތީއެވެ.

މީގެ އިތުރުން ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ނިންމުން ލަސްވަނީ ކީއްވެތޯ އާއި އެ މަސައްކަތް ނިމޭނެ އިރަކާއި މިއަހަރަށް ބަޖެޓް ކޮށްފައިވާ ނައިފަރު މަގު ހެދުމުގެ މަޝްރޫއު ފެށޭނެ ދުވަހެއް ބެލުމަށްވެސް އަސްލަމާ ސުވާލުކުރުމަށް އޭނާ ހުށަހަޅާފައިވެއެވެ.

މަހްލޫފް މަޖިލީހަށް ހާޒިރުކުރަން އެދިފައިވަނީ ނައިފަރުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެއް ނަމަވެސް ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާތީ އެ މަސައްކަތް ކުރިއަށް ނުދާ ސަބަބު ހޯދުމާއި މަޝްރޫއުގެ މަސައްކަތް ފަށާނެ ތާރީހު ހޯދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ވަނީ ތައްޔާރުވެފައެވެ. މާދަމާގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެމްބަރުން މަޖިލީހަށް ހާޒިރުވެގެންނެވެ.