ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވަޑް، ޖަރުމަނު އަދި ބަޔާން މިއުނިކްގެ ލެޖެންޑް ގާޑު މުލާ މަރުވެއްޖެއެވެ.
އުމުރުން 75 އަހަރުގައި ގާޑު މުލާ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މުލާގެ މަރަކީ ފުޓުބޯޅަ ދުނިޔެއަށް ކުރިމަތިވި ބޮޑު ހިތާމައެކެވެ. ހާއްސަކޮށް ކްލަބު ލެވެލްގައި އޭނާ ގިނަ ދުވަސްތަކެއް ހޭދަކުރި ބަޔާން މިއުނިކްގެ ސަޕޯޓަރުން ދަނީ އެކި ގޮތްގޮތުން ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ހިތްވަރު ދެމުންނެވެ.
މުލާއަކީ ވެސްޓް ޖާމަނީއަށް ކުޅުނު 62 މެޗުން 68 ގޯލު ޖަހައިދީފައިވާ ފޯވަޑެކެވެ. އޭނާ ވަނީ 1974 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެފަހަރު ފައިނަލް މެޗުގައި ވެސްޓް ޖާމަނީ މޮޅުކޮށްދިން މުހިއްމު ގޯލުވެސް ޖެހީ މުލާއެވެ. ކެރިއަރުގައި ކުޅުނު 594 މެޗުން މުލާ ވަނީ 547 ގޯލު ޖަހައިފައެވެ. ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބުގައި މުލާ ވަނީ 15 އަހަރު ހޭދަކޮށްފައެވެ.
ބަޔާންގެ ރައީސް ހާބާޓް ހެއިނާ ވިދާޅުވެފައި ވަނީ މިއަދަކީ ބަޔާންއަށް ހިތާމަވެރި ކަޅު ދުވަހެއް ކަމަށާއި، މުލާއަކީ ތާރީހުގައި ފެނުނު އެންމެ މޮޅު ފޯވަޑް ކަމަށެވެ. އަދި އޭނާއަކީ ފުޓުބޯޅައިގެ ތެރެއިން ފެނުނު އެންމެ ރަނގަޅު އެކަކު ކަމަށާއި، އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށްވެސް ބަޔާން ރައީސް ހާބާޓް ފާހަގަކުރެއްވިއެވެ.
މުލާއަކީ ދެ ފަހަރަށް ޖަރުމަނުގެ މޮޅު ކުޅުންތެރިޔާ ހޯދައި، 1970 ވަނަ އަހަރު ވޯލްޑް ކަޕް ރަން ބޫޓުވެސް ހޯދި ފޯވަޑެކެވެ. އޭނާ ވަނީ އެއަހަރު ބެލޮންޑިއޯގެ މަގާމުވެސް ހޯދައިފައެވެ. ވެސްޓް ޖާމަނީއާއެކު ޔޫރޯވެސް ކާމިޔާބުކުރި މުލާއަކީ ޒަމާންތަކެއް ވަންދެން އެތައް ރެކޯޑެއް ދަމަހައްޓަމުން އައިސްފައިވާ ފޯވަޑެކެވެ.
1971-72 ވަނަ އަހަރުގެ ސީޒަންގައި މުލާ ވަނީ ބުންޑަސްލީގާގައި 40 ގޯލް ޖަހައި، އެއް ސީޒަންގައި ކްލަބަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދައިފައެވެ. 49 އަހަރު ފަހުން މިދިޔަ އަހަރު އެ ރެކޯޑަށް ނިމުން ގެނައީ ބަޔާންގެ ލެވަންޑޯސްކީއެވެ.
މުލާއަށް 2015 އަހަރު ސިކުނޑިއަށް އުނިކަން އަންނަ އަލްޒައިމާގެ ބަލި ޖެހުނުކަމަށް ވަނީ އިއުލާން ކޮށްފައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ