ޚަބަރު

އަލީ ވަހީދު ހޯދައިގެން ގެނެސް ކަރެކްޝަނާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފިން: ފުލުހުން

މުއާވިޔަތު އަންވަރު

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެސް ކަރެކްޝަނާ ހަވާލު ކޮށްދިނުމަށް އެ އިދާރާއިން ފުލުހުންނަށް ހުށަހަޅާފައި ވުމުން، ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އަލީ ވަހީދު ހޯދައިގެން ގެނެސް ކަރެކްޝަނާ ހަވާލުކޮށްދިނުމަށް އެދި ރިކުއެސްޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ކޯޓަށް ހާޒިރު ވުމަށް އަންގައި ސުޕްރީމް ކޯޓުން ފޮނުވި އަމުރު ލިބުނު ނަމަވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ، މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޯޓުގެ އަޑުއެހުމުގައި ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެ ހުކުމް ކަރެކްޝަނަލް ސާވިސްއަށް ލިބިފައިވާއިރު އަމުރު ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާގެ ސްޕޯކްސް ޕާސަން އައިމިނަތު ޔުސްރީން ވަނީ ވަނީ ވަން އަށް ވިދާޅުވެފަ އެވެ. އެ ގޮތުން އަލީ ވަހީދު ރާއްޖެ ގެނެސް ކަރެކްޝަނާ ހަވާލުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ހުރެގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި އޭނާ މިހާރު ހުރި ތަނެއް ވެސް އިދާރާތަކަކަށް ޔާގިންވެފައެއް ނުވެއެވެ.