ކުޑަކުދީންނަށް ހާއްސަކޮށްގެން ފެށި ކޮވިޑް ވެކްސިން ޕްރޮގްރާމްގައި މިއަދު 700 އެއްހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މިއަދު ވެކްސިން ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ޖުމުލަ 15 ރަށެއްގައި މިހާރު ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ރެއިއްސުރެން ވެކްސިން ޖަހަން ފަށަފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް 700އެއްހާ ކުދިންނަށް ވެކްސިން ޖެހޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މިއަދު ހެނދުނު ވެކްސިން ޖަހަން ފަށާފައިވާއިރު މި އުމުރުފުރާގެ ކުދީންނަށް ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ. ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމަޔަށް އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ. އަދި ވެކްސިން ޖަހަނީ ކުރިއާލައި އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގެ ޖުމުލަ 19 ސުކޫލެއްގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ގާތްގަނޑަކަށް 35000 އެއްހާ ދަރިވަރުން އެބަތިބި ކަމަށެވެ.

ސްކޫލް ކުދީންނަށް ކޮވިޑް ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީ ގުޅިގެންނެވެ.

އެޑިއުކޭޝަނުން ބުނީ އަމާޒަކީ މިމަސް ނިމުމުގެ ކުރިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށެވެ.