އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަންގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީގެ މައްޗަށް ކުރި ހޯދައިފިއެވެ.
ނޯވިޗްގެ ސަޕޯޓަރުން ކުރިމަތީގައި ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުން މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލް ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލަށް އެސިސްޓް ކޮށް، ތިންވަނަ ގޯލް ޖެހީ މުހައްމަދު ސަލާހެވެ. މިރޭގެ މެޗުގައި ގޯލް ޖެހުމާއެކު މިސްރުގެ ތަރި ސަލާހް ވެފައި ވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ ދުވަހުގައި ޖެހިޖެހިގެން ފަސް ސީޒަނެއްގައި ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ލިވަޕޫލަށް މިދިޔަ ސީޒަންގައި އަނިޔާގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ދިމާވެ، އެޓީމަށް މާޔޫސްކަން ކުރިމަތިވިއެވެ. އެކަންކަމުން އަރައިގަނެ، މި ސީޒަނާ ކުރިމަތިލުމަށް ކޯޗު ޔާގަން ކްލޮޕް ހުރީ ކެތް މަދުވެފައެވެ. މިރޭގެ މެޗަށް ނުކުތްއިރުވެސް ލިވަޕޫލްގެ އުންމީދުތައް އެންމެ ބޮޑަށް އާވެގެން ގޮސްފައިވަނީ އަނިޔާގެ ސަބަބުން މިދިޔަ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިގެން ދިޔަ ވާޖިލް ވެންޑައިކާއި ޖޯލް މަޓިޕް ފުރަތަމަ 11 ގައި ހިމެނުމެވެ.
ލިވަޕޫލުން ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ނޯވިޗުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ނުރައްކާ ކުރީ ލިވަޕޫލެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް ލީޑު ނެގިއެވެ. އެލެކްސެންޑްރާ އާނޯލްޑް ސަލާހަށް ނަގައިދިން ހުރަސް، ސަލާހް ފައިން ޖައްސާލުމުން ލިބުނީ ޖޮޓާއަށެވެ. އެ ބޯޅަ ފަސޭހަކަމާއެކު ނިންމާލައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޖޮޓާއެވެ.
މެޗުގައި ނޯވިޗްގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފެނުނީ މީގެ ދެ ސީޒަން ކުރިން ޕްރިމިއާ ލީގުގައި 11 ގޯލު ޖެހި ތޭމޫ ޕޫކީއެވެ. އޭނާގެ ދެ ހަމަލާއެއް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ލީޑު ފުޅާކުރި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ފިރްމީނޯގެ ގޯލުންނެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ ސަލާހެވެ. އެ ގޯލަށް އެސިސްޓް ކޮށްދީ، މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ސަލާހުގެ ގޯލު ފެނުނީ މެޗު ނިމެން ދަނިކޮށެވެ. އޭރިއާ ބޭރުން ކަހަލަ ގޮތަކަށް ސަލާހް ކާވް ކޮށްލި ޝޮޓް ވައްދާލި ގޯލްގެ މަތީ ކަނަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު