ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ މެދު ތަފާތުކޮށް އަމަލު ނުކުރާ ކަމަށާއި އޭނާއާ މެދު ތަފާތުކޮށް އަމަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަހުލޫފަށް 33،000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އޭސީސީން ފޮނުވި އެ މައްސަލައިގައި މިހާތަނަށް އަދި ދައުވާކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވެފައިވާ ކަމަށާއި އެ މައްސަލަ އަވަސްކޮށް ދިނުމަށް ޕީޖީގައި އެދޭނެ ކަމަށް ވިދާޅުވެފައެވެ.
މަހްލޫފުގެ މައްޗަށް ދައުވާ ކުރުން ލަސްވެ، އޭނާ ވަނީ ސަރުކާރަށް އިންޒާރުތަކެއްވެސް ދީފައެވެ. އެގޮތުން ކްލަބު ހައުސްގައި ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތުގައި އެބަހުރި ކަމަށާއި ޝަރީއަތާ ހަމައިން އެވާހަކަތައް ތިލަކުރައްވާނެ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.
މަހުލޫފްގެ ތުހުމަތުތަކާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާން އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ އޭނާގެ މައްސަލައިގައި ދައުވާ ކުރުމަށް އަދިވެސް ގޮތެއް ނުނިންމާ ކަަމަށާއި ދިރާސާކުރުމުގެ ކަންކަން އަދިވެސް ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަންނަ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި މަހްލޫފުގެ މައްޗަށް ދައުވާ ކުރުމާއި ނުކުރުމާ މެދު ގޮތް ނިންމާނީ އޭނާގެ މައްޗަށް ލިބިފައިވާ ހެކި ގަރީނާއަށް ބިނާކޮށް ކަމަށްވެސް ވިދާޅުވިއެވެ.
"އޭނާގެ ސްޓޭޓަސް އާއި އޭނާގެ މަގާމާ އެކަންކަމަކީ ދައުވާއެއް ކުރުމުގައި ނިންމާ ނިންމުމުގައި ބަލަންޖެހޭ ކަންކަމެއް ނޫން. އަޅުގަނޑުމެން މަހުލޫފާ މެދު ވަކި ތަފާތު ގޮތަކަށް އަމަލު ކުރަނީއެއް ނޫން. އެކަމަކު ތުހުމަތުތަކެއް ކުރައްވާ އެބަ އެބޭފުޅާ. އެއީކީ ރަނގަޅު ވާހަކައެއް ނޫން އެބޭފުޅާ އެ ކުރައްވާ ތުހުމަތުތަކަކީ،" ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތަކަކީ ބައެއް ފަހަރު ބަލައިގަންނަ ފަހުން ދައުވާ ކުރުމުގެ މަރުހަލާގައި އިތުރު ކަންކަން ސާފުކުރަން ޖެހިގެން ނުވަތަ އިތުރަށް ދިމާވާ ކަމަކުން ދައުވާ ކުރަން ކަނޑައަޅާފައިވާ މުއްދަތުތައް ފަހަނައަޅައި ދާ ކަމަށެވެ. އަދި އެއީ އާކަމެއް ނޫން ކަމަށާއި މަހުލޫފާ މެދު ވަކި ތަފާތު ގޮތަކަށް އަމަލު ކުރަނީ ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދައުލަތް ފަލީހަތްވާނެ ކަމަށް މަހުލޫފް ވިދާޅުވުމަކީ އޭނާގެ އަމިއްލަ އޮޕީނިއަން ކަމަށާއި އެކަމަށް ރައްދުދޭން ނުޖެހޭނެ ކަމަށެވެ. އަދި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ އެފަަދަ ޝުއޫރުތައް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަހުލޫފު ތުހުމަތުކުރައްވާ ގޮތުގައި އޭނާގެ މައްސަލައަށް ގޮތެއް ނުނިންމައި ޕީޖީ ތެރޭގައި ބާއްވައިގެން އުޅެނީ ހެކި ނެތުމުން ހެކި އުފައްދަން ކަމަށެވެ.
"މިހާ ސާފުކޮށް ހުރި ކަމެއްގައި މިހާ ޒާތީވެގެން އުޅޭތީ. އަޅުގަނޑު މި ހިސާބުން އަދި މިކަން ދުލެއް ނުކުރާނަން އެނގޭތޯ. އަޅުގަނޑަށް މި މީހުން ހަގީގަތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް އަނިޔާތަކެއް ދީފި،" މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ، އޭނާއަށް ލިބުނު ކަމަށް ބުނާ ފައިސާއާ ގުޅޭގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވާހަކަދައްކާފައިވާ ކަމަށް ބުނާ ޗެޓް ލޮގަކީ ހަގީގަތެއް ނެތް ޗެޓްލޮގްތަކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު