ސަރުކާރުގެ ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލޭ ފޭސް ޓޫގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާ ވެސް ބުނެފި އެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު އެގްރީމެންޓްގައި ސޮއިކޮށް ތަޅުދަނޑިތައް ހަވާލުކުރަމުން އަންނައިރު އެތަންތަނަށް މީހުން ވަނުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެއާ އެކު ފްލްޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދިނުމަށް އެދި އިއްޔެ ވެސް އެ ސަރަހައްދުގައި ވަނީ މުޒާހަރާކޮށް އަޑުއުފުލައިފަ އެވެ. އެ އަދަދަކީ ކުލީގެ ގޮތުގައި ނިމިގެން ދިޔަ ސަރުކާރުން ނެގުމަށް ހަމަޖައްސާފައިވާ އަދަދު ކަމަށް ކުރީ ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއިކުރަމުން ގެންދާ ހުރަވީ ސްކޫލްގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު މިއަދު ވިދާޅުވީ، ހިޔާ ފްލެޓްތައް ހެދުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ އެތަންތަން ކުއްޔަށް ދީގެން ލިބޭ ފައިސާ އިން ކަމަށާއި އެހެން ގޮތަކަށް ލޯނު ދެއްކެން ނެތް ކަމަށެވެ.

"އަދިއެއް އިތުރު ބަދަލެއް އައިސްފައެއް ނެތް ކުއްޔަކަށް. ހަމަ ކުރިން ކަނޑައެޅިފައި އޮތް ގޮތަށް 8500 ރުފިޔާ ކުއްޔަކީ،" ސުހައިލް ވިދާޅުވި އެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސް ކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނެގުމަށް ވެސް ނިންމާފައިވެއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގުނަން ފެށި ނަމަވެސް ކުލި ނަގާނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް އެޗްޑީސީ ވަނީ ބުނެފައެވެ.