ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކޮށް ކޯޓަށް ފޮނުވައިފިނަމަ، ދައުލަތް "އޮރިޔާން ވާނެ" ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަހުލޫފަށް 33،000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އޭސީސީން ފޮނުވި އެ މައްސަލައިގައި މިހާތަނަށް އަދި ދައުވާކޮށްފައެއް ނުވެއެވެ.

ކްލަބު ހައުސްގެ ވަގުތު "ހަވާސް" ރޫމުގައި މިރޭ މަހުލޫފު ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މެލޭޝިއާގައި ހުންނަވަނިކޮށް، ފައިސާދީގެން ސީދާ މަޖިލީހުގެ ވޯޓަށް ގެނައި މައްސަލަ ނަމަވެސް އޭނާ އޭރު ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އޭނާ ވޯޓު ދީފައިވާނީ ވެސް ޕީޕީއެމްގެ ވިޕްލައިނާ އެއްގޮތަށް ކަމަށެވެ.

މަހުލޫފު ވިދާޅުވީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތުގައި އެބަހުރި ކަމަށާއި ޝަރީއަތާ ހަމައިން އެވާހަކަތައް ތިލަކުރައްވާނެ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ތުހުމަތުކުރައްވާ ގޮތުގައި އޭނާގެ މައްސަލައަށް ގޮތެއް ނުނިންމައި ޕީޖީ ތެރޭގައި ބާއްވައިގެން އުޅެނީ ހެކި ނެތުމުން ހެކި އުފައްދަން ކަމަށެވެ.

"މިހާ ސާފުކޮށް ހުރި ކަމެއްގައި މިހާ ޒާތީވެގެން އުޅޭތީ. އަޅުގަނޑު މި ހިސާބުން އަދި މިކަން ދުލެއް ނުކުރާނަން އެނގޭތޯ. އަޅުގަނޑަށް މި މީހުން ހަގީގަތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް އަނިޔާތަކެއް ދީފި،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، އޭނާއަށް ލިބުނު ކަމަށް ބުނާ ފައިސާއާ ގުޅޭގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވާހަކަދައްކާފައިވާ ކަމަށް ބުނާ ޗެޓް ލޮގަކީ ހަގީގަތެއް ނެތް ޗެޓްލޮގްތަކެއް ކަމަށެވެ.