ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަަޅެއްގެ ގޮތުން ގޭގެއިން ބޭރަށް ކުނި ނެރެން އެންގި އެންގުން ނިމުމަކަށް ގެނައުމަށް ނިންމައިފިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ ޓީމެއް އެ ކުންފުންޏާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރީންވެސް އަމަލުކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފެށުމަށް އެދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންވާނެ އެގޮތަށް ސިޓީ ކައުންސިލުން އެކަން ކުރަން ބޭނުން ނަމަ އެގޮތަށް ކުރަން ނިންމާފައި. އަޅުގަނޑުމެންނަށްވެސް ގަބޫލު ކުރެވޭ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އެއީ،" އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، ގޭގެއަށް ވަދެ ކުނި ނަގަން ފެށުމުގެ ސަބަބުން ބިލު ނުދައްކާ ހިދުމަތް ލިބިގަންނަ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އާދަމް އިތުރަށް ވިދާޅުވީ، މާލޭ ސަރަހައްދުގެ 50 އިންސައްތަ ގޭބިސީން ވެމްކޯގެ ހިދުމަތް ހޯދުމަށް ފަހު ފައިސާ ނުދައްކާ ކަމަށާއި އެކަމުގެ މާލީ ގެއްލުން ކުންފުންޏަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.