މެންޗެސްޓާ ސިޓީން ޓޮޓެންހަމްގެ ތަރި ހެރީ ކޭން ހޯދުމަށް 150 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ކޭން ހޯދުމުގެ މަސައްކަތް ދޫކޮށްލުމުގެ ވިސްނުމެއް ސިޓީގެ ނެތެވެ. އެ އަގުގެ ބިޑަކަށް ޓޮޓެންހަމްއިން ނޫނެކޭ ބުނެފިނަމަ، އިތުރަށް ފައިސާ ދޭން ވެސް ސިޓީން ތައްޔާރު ކަމަށް ނޫސްތަކުން ބުނެއެވެ. އެހެންނަމަވެސް ޓޮޓެންހަމްގެ ބޯޑުން އަދިވެސް ބުނަމުން އަންނަނީ ކޭން އަކީ ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ.
ކޭން ޓޮޓެންހަމް ދޫކޮށްލަން ގަސްދުކުރާ ކަމަށް އޭނާ ކުރިން ބުނެފައިވާއިރު، ޕްރި ސީޒަންގެ ތަމްރީނުތަކަށް ނުނިކުމެ މަޑުކުރީ ޓްރާންސްފާއަކަށް ފުރުސަތު ފަހި ކުރުމަށް ކަމަށް ކުރިން ވަނީ އަޑު ފެތުރިފައެވެ. ޗުއްޓީއަށްފަހު ކޭން ޓޮޓެންހަމްގެ ތަމްރީނުތަކަށް ނުކުންނަން އޮތް ތާރީހު ފަހަނައަޅައި ދިޔައިރުވެސް އޭނާ ތަމްރީނުތަކަށް ނުނިކުމެ ހުރި ކަމަށް ނޫސްތަކުން ބުނެފައިވީ ނަމަވެސް، ފަހުން ކޭން ބުނެފައި ވަނީ އޭނާގެ ޗުއްޓީ ދިގުކުރަން އެއްބަސްވެގެން މަޑުކުރީ ކަމަށެވެ. އަދި އޭގެ ފަހުން ކޭން ވަނީ ތަމްރީނުތަކަށް ނުކުމެފައެވެ.
ކޭންއަކީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ޕްރިމިއާ ލީގު ދުށް އެންމެ ކާމިޔާބު އެއް ފޯވަޑެވެ. އޭނާ މިދިޔަ ސީޒަންގައިވެސް 23 ގޯލް ޖަހައި ރަން ބޫޓު ހޯދާފައިވާއިރު، އޭގެ ކުރިން 2015-16 އަދި 2016-17 ވަނަ އަހަރު ސީޒަންގައިވެސް ކޭން ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދައިފައެވެ.
ޓޮޓެންހަމްއަށް ކޭން ވަނީ 221 ގޯލް ޖަހައިދީފައެވެ. އޭނާއަކީ އެ ކްލަބުގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު