ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޝަރުތުތަކެއް ކުރުމަށްފަހު މީގެ ކުރީން އައްމަޓީ، ބަންދުން ދޫކޮށްލި ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން އަމުރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އެ އަމުރު ބާތިލުކޮށް އައްމަޓީ ޖަލަށް ބަދަލު ކުރުމަށެވެ.

އޭގެ ފަހުން އައްމަޓީގެ ބަންދު ރިވިއު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާގެ ބަންދަށް ލުޔެއް ނުދިނުމަށް ގާޒީ ހަސަން ސައީދު ވަނީ ނިންމާފަ އެވެ.

އެގޮތުން 42 ދައުވާ އުފުލާފައިވާ އައްމަޓީއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާއިރު، އެއީ ގިނަ އަދަދެއްގެ ފައިސާއާ ގުޅުން ހުރި މައްސަލަތަކެއް ކަން ގާޒީ ހަސަން ސައީދު ފާހަގަކުރެއްވި އެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ކުށް ކުރުމަށް ހިތްވަރު ލިބި މުޖުތަމައުގެ މަސްލަހަތު ގެއްލިދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މާޒީއަށް ބަލާއިރު އައްމަޓީއާ ތަހުގީގު ކުރާ ފަރާތާއި ދެމެދު ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު، އޭނާގެ މައްޗަށް ކުރާ ޝަރުތު ތަކަށް އަމަލުކުރުމުގެ އިހްތިމާލު ކުޑަ ކަމަށް ގާޒީ ވިދާޅުވި އެވެ.

"މިހެން ކަމުން ޝަރީއަތުގެ ފުރިހަމަ މަރުހަލާ ނުނިމެނިސް ބަންދުން ދޫކޮށްލައިފި ނަމަ ކޯޓަށް ހާޒިރު ނުވެ ފިލައިފާނެ ކަމަށް ޝަރީއަތަށް ބުރަ ވެވޭ،" ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

އެހެން ކަމުން ކޯޓަށް ހާޒިރު ނުވެ ފިލައިފާނެ ކަމަށް ބުރެވެވޭތީ ގާޒީ ހަސަން ސައީދު ނިންމެވީ އައްމަޓީ ބަންދުގައި ހުރި ހުރުން ދެމެހެއްޓުމަށެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީ ލަންކާގައެވެ. 18 އޭޕްރީލް 2019ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނެވެ. ފިލައިގެން އުޅެނިކޮށް ލަންކާއިން އައްމަޓީ ހައްޔަރު ކުރިކަން ފުލުހުން ހާމަކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ގެނެސްފައި ވަނީވެސް އިންޓަޕޯލާ ގުޅިގެންނެވެ.

އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.