އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ މިއަދު ވިދާޅުވީ ސިޔާސީ މަޝްރަހުގައި ކަންކަން ހިނގަމުން އަންނަ ގޮތާއި ދެކެވޭ ވާހަކަ ތަކާއި ރައީސް ނަޝީދު މި ފަހަކަށް އައިސް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ބަލާއިރު އެމަނިކުފާނު ވަނީ ޕާޓީގެ އަސާސްތަކާ ހިލާފުވެވަޑައިގެންފައި ކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދުގެ ސުލޫކީ މައްސަލަ އެމްޑީޕީން ބަލަން ޖެހޭ ކަމަށެވެ.

މޫސަ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ އެންމެ އިސް ސިޔާސީ ލީޑަރުކަން ޕާޓީގެ އަސާސީ ގަވައިދުން ވަރަށް ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި ދިމާވެގެން މި އުޅޭ މައްސަލައިގައި ރައީސް ނަޝީދުގެ ފިކުރާއި ރައީސް ސޯލިހުގެ ފިކުރު ތަފާތު ވެފައިވާ މިންވަރުވެސް ސާފު ވެފައިވާ ކަމަށެވެ. އަދި މި ގޮތަށް ކަންތައްތައް ދިމާވަމުން ދަނީ ޕާޓީގެ ސިޔާސަތުތަކާ ދިމާ އިދިކޮޅަށް ރައީސް ނަޝީދު ކަންކަން ކުރައްވަމުން ގެންދަވާތީ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"މިސާލަކަށް ބައްލަވާ! ރައީސް ނަޝީދު އެ ވަނީ އިދިކޮޅު ކޯލިޝަނާ އެކު މަސައްކަތް ކުރައްވަން ގަސްދުކުރައްވައި އެގޮތަށް ނިންމަވައި އެކަމަށް ދައުވަތުވެސް ދެއްވާފަ. ރައީސް ނަޝީދު އެވަނީ އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ރައީސް ޔާމީނަށް ވެސް އަރުވާފަ. އެކަމަކު އެމްޑީޕީގެ އެންމެ އިސް ސިޔާސީ ލީޑަރު ރައީސް ސޯލިހު އެ ވިދާޅުވަނީ އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫނޭ. ރައީސް ޔާމީނާ އެކު މަސައްކަތް ކުރުމަކީ އެމްޑީޕީގެ ސިޔާސަތު ކަމަށް އެމްޑީޕީ ދެކެ ލޯބިވާ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. އެހެން ވީމަ ޕާޓީގެ އުސޫލުތަކާ ސިޔާސަތާ ފުށު އަރާ ވާހަކަތައް ދައްކަވާ ނަމަ އެ މައްސަލަ ޕާޓީން ބަލަން ޖެހޭނެ ނޫންތޯ!" މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެއްވެސް އިރަކު ރައީސް ނަޝީދުގެ ސާފު މެޖޯރިޓީއެއް ނެތް ކަމަށާއި ގައުމީ މަޖިލީހުގެ މެންބަރުން ބައެއް ފަހަރު ކަންކަން ނިންމަނީ ބިރުން ކަމަށެވެ. އެއީ ރައީސް ނަޝީދާ އިދިކޮޅަށް އެއްޗެއް ބުނެފި ނަމަ ނުވަތަ އިދިކޮޅަށް ވޯޓެއް ދީފި ނަމަ ފެންނަ ނަތީޖާ އަކީ އެމީހަކު ޕާޓީ ބޭރުކުރާ މަންޒަރު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްސަލަ ބަލަން ޖެހޭ ކަމަށް ވިދާޅުވެ މޫސަ ވަނީ މިއަދު ޓުވީޓު ވެސް ކުރައްވައިފަ އެވެ.