އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލިސް ޖަލްސާގެ ކޯރަމް ހަމަނުވެގެން، ޖަލްސާ ހުއްޓާލައިފިއެވެ.

މިރޭ ބާއްވާފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް އުފައްދާފައިވާ "މޭ ހައެއް" ކޮމިޓީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފުސީލު ގައުމީ މަޖިލީހާ ހިއްސާކުރުމަށް ކޮންމެ ހަފުތާއަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމެކެވެ.

މިރޭގެ ގައުމީ މަޖިލިސް ފެށިއިރު، 38 މެމްބަރުން ހާޒިރުވެ ތިއްބެވެ. އެމްޑީޕީ ގައުމީ މަޖިލިސްގެ ކޯރަމް ހަމަވާން ބޭނުންވަނީ 37 މެމްބަރުންނެވެ.

މިރޭގެ ޖަލްސާ ފަށައިގެން "މޭ ހައެއް" ކޮމިޓީން ވަނީ އެ ކޮމިޓީން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު މެމްބަރުންނާ ހިއްސާކޮށްފައެވެ. އަދި ޖަލްސާގައި ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

ޖަލްސާގައި އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވަނީ ހުށަހެޅުމަށްވެސް ހުށަހަޅުއްވައިފައެވެ. އެގޮތުން ގައުމީ މަޖިލީހުގެ މެމްބަރުން އެމްޑީޕީ ހަރުގެއަށް ވަޑައިގެން ކޮންމެ ބުދަ ދުވަހެއްގެ ރޭ ގައުމީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އޭނާ ހުށަހެޅުއްވިއެވެ.

ނަމަވެސް ހުށަހެޅުންތަކަށް ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް، ޖަލްސާގެ ކޯރަމް ގެއްލުމުން މިރޭގެ ޖަލްސާ ނިންމާލާފައި ވަނީ ވޯޓަށް ނާހައެވެ. ވޯޓަށް އަހަން ތައްޔާރުވިއިރު، ޖަލްސާގައި ތިއްބެވީ އެމްޑީޕީ ގައުމީ މަޖިލީހުގެ 34 މެމްބަރުންނެވެ.