މިވެރިކަން ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ ކަމަށާއި އެމްޑީޕީއަށްވެސް މިއަދު ލިބުނީ ކެހިވެރި މިތުރެއްކަން ސާފުވެފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެއެވެ.
ޖަމީލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ގައުމު ދަރަނިވެރިކޮށް، މިސްރާބު ގެއްލި އަދި ބޭރު މީހުން ހުންގާނަށް ފައިބަން ފުރުސަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުމުންކަން މިއަދު އެނގިއްޖެ ކަމަށެވެ.
"މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ. ހަގީގީ އެމްޑީޕީއަށްވެސް މި ލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު،" ޖަމީލްގެ ޓުވީޓުގައިވެއެވެ.
ޖަމީލް މިގޮތަށް ވިދާޅުވެފައިވާ އިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކޯލިޝަން ދިފާއުކޮށްފައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފައެވެ. އަދި ބައެއް ކަންކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ހިޔާލުތަފާތުވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އުފެދުނު ކޮންމެ ވެރިކަމެއް އުފެދިގެން އައީ އެންމެ ޕާޓީއަކަށް ނިސްބަތްވެގެންނެއް ނޫން ކަމަށާއި ރައްޔިތުން އެއް ޕާޓީއަކަށް ވެރިކަމެއް ނުދޭ ކަމަށެވެ.
"2008 ގައި ވެސް، 2013 ގައި ވެސް، 2018 ގައި ވެސް ރައްޔިތުން ވެރިކަން ދިނީ ގިނަ ޕާޓީތަކެއް އެކުލެވޭ ޖަމާއަތަކަށް. މިއަދުވެސް މިއޮތީ އެހެން. އެހެންވީމާ އަޅުގަނޑު ވެރިކަން ކުރަމުން ގެންދަން ޖެހޭނީ މި ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މަޝްވަރާއާ އެކީގައި. އަޅުގަނޑުގެ މައްޗަށް އެއީ ހިންގާ ނުފޫޒެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޝްވަރާކުރަން ޖެހޭ ކަންތައްތަކުގައި އަދާލަތާ ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްއާ އެކީގައި ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށާއި އެމްޑީޕީއާ އެކީވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އެހެންވީމާ އެއީ އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ބައެއް ކަންތައްތަކުގައި ރައީސް ނަޝީދާއި އެމަނިކުފާނާ ބައެއް ފަހަރު ހިޔާލުތަފާތުވުންތަކެއް އުފެދޭ ކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރުވެސް، އެމަނިކުފާނުގެ ބައެއް ނިންމުންތަކާ ހިޔާލުތަފާތުވުން ތަކެއް އުފެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަޝީދު ވެރިކަމުގައި ހުންނެވިއިރު، ކަންކަން ނިންމާފައިވަނީ ވަރަށް ބޮޑަށް ވިސްނަވާފައި، ވަށައިގެން ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވިސްނުމާ އިދިކޮޅަށް ބައެއް ފަހަރު ރައީސް ނަޝީދު ކަންކަން ނިންމަވާ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައީސް ނަޝީދާ މިހާރުވެސް ބައެއް ކަންކަމުގައި ހިޔާލުތަފާތުވުން އުފެދޭ ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ވެރިކަން ކުރާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނު ކަންތައްތައް ނިންމަން ޖެހެނީ ވަށައިގެން ހުރި ހުރިހާ ކަންތައްތަކަށް ބަލައި، ލިބިފައި ހުންނަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު