އެމްޑީޕީއާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރުމަކީ މަލްޓިޕާޓީ ނިޒާމަށް ރަނގަޅު ގޮތެއް ނޫން ކަމަށާއި އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މިހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއެކު މަސައްކަތްކުރަން ބޭނުންވާކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވައިފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ އެފަދަ ގޮތަކަށް ވާހަކަދައްކަވައިފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ބޮޑުކޮށް އޮތީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމުން ކޯލިޝަނެއް ހެދުމަކީ މަލްޓިޕާޓީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
"މި ދެ ޕާޓީ މަސައްކަތްކުރަންވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ފަރާތުގައި ތިބެގެން. އެއީ ސިޔާސީ ނިޒާމަށް ވެސް، ރާއްޖޭގެ ކުރިއެރުމަށް ވެސް، ރާއްޖޭގެ މަސްލަހަތަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް. އެއް ބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކަށް ސުވާލުކުރެވި ފާޑުކިޔެން ޖެހޭނެ. އެއާ ހިލާފަށް މި ދެ ޕާޓީ އެކުވެއްޖެއްޔާ ރާއްޖޭގައި މިއޮތް މަލްޓިޕާޓީ ނިޒާމު ނިމުމަކަށް އައުމުގެ ބިރުވެރިކަން އެބައޮތް. އެހެންވީމާ އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑެއް ނުދެކެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެހެން ވިދާޅުވި ކަމުގައިވިޔަސް އެއީ ޕާޓީގެ ނިންމުން ނޫން ކަމަށާއި އެމްޑީޕީން ކަންތައްތައް ނިންމާނެ ގޮތް ގަވާއިދުތަކުގައި ހުންނާނެ ކަމަށެވެ. އަދި އެއިން ގުނަވަނަކުން އެގޮތަށް ނިންމާފައި ނުވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"އަދި އެ ނިންމަން ހުށަހެޅިޔަސް، އަޅުގަނޑު ދެކޭގޮތުގައި އެގޮތަށް ނިންމުން އެއީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު އެއްގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫން. އެއީ ޕީޕީއެމްއާ ގުޅުން ގޯސްވެގެންނެއް ނޫން. އެއީ މަލްޓިޕާޓީ ނިޒާމެއް ރާއްޖޭގައި އަށަގަނެ ތަރައްގީކުރުމަށް އަޅުގަނޑު ބޭނުންވާތީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަކު އަނެކަކާއެކު ސިޔާސީ މަސައްކަތް ކުރެވިދާނެ ކަމަށާއި ރައީސް ޔާމީނާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާ ނަމަ ރައީސް ނަޝީދަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު