ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިން، ނެގެޓިވް ޕީސާއާރަކާއި ނުލައި ރަށް ރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ދެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށް 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށް ކަމަށް މީގެ ކުރިން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި އެ މީހުން ނެގެޓިވް ޕީސީއާރު ނަތީޖާއެއް ގެންނަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް މިއަދު އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވެކްސިން ފުރިހަމަ ނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޗެކިން ކުރެވޭނީ އެ ރަށެއްގެ ވެކްސިން ކަވަރޭޖް ފުރިހަމަ ކޮށްފައިވާ ނަމަ އެވެ. އަދި އެ ފަރާތްތަކުން ނެގެޓިވް ޕީސީއާރު ނަތީޖާއެއް ގެނަނަން ޖެހޭނެ ކަމަށް ބުނެފައެއް ނުވު އެވެ.
ނަމަވެސް، ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ ފަތުރުވެރިން ދަތުރު ކުރާނަމަ ޗެކިން ކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް އާ އުސޫލުގައި ބުނެފައި ވެއެވެ.
ވެކްސިން ކަވަރޭޖް ފުރިހަމަ ކުރުން ކަމަށް ބަލަނީ ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތަ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ނަމަ އެވެ. ހަމައެއާ އެކު ރަށުގައި ފަތުރުވެރީންނަށް ހިދުމަތް ދިނުމުގައި މަސައްކަތްކުރާ މީހުންގެ 95 އިންސައްތަ މީހުން ވެސް ވެކްސިން ޖަހާފައި ތިބެން ޖެހޭނެ އެވެ. އަދި އާބާދީގެ 65 އަހަރުން މަތީގެ މީހުންގެ 90 އިންސައްތަ މީހުން ވެސް ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ އެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިކަމަށް ބަލާނީ، ޑޯޒްތައް ޖެހުމަށްފަހު 14 ދުވަސް ވުމުންނެވެ.
ވެކްސިނޭޝަން ކަވަރޭޖް ފުރިހަމަވެފައި ނުވާތީ ގްރޭޓާ މާލޭ އޭރިއާގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ފަތުރުވެރިންނަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު