ޕީއެސްޖީއާ އަލަށް ގުޅުމަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރީ މިއަދުއެވެ. މެސީ ތައާރަފު ކޮށް، ޓްރާންސްފާގެ ހުރިހާ މައުލޫމާތެއް ނޫސްވެރިންނާ ހިއްސާ ކުރުމަށް ބޭއްވި ޕްރެސްގައި މެސީއާއެކު ޕީއެސްޖީގެ ރައީސް ނަސޭރު އަލް ހެލަފީ ވަނީ ބައިވެރިވެފައެވެ. އެ ޕްރެސްގެ ވަގުތުގައިވެސް ޕީއެސްޖީގެ އެތައް ސަޕޯޓަރުންނެއް ކްލަބު ސްޓޭޑިއަމް ކައިރީގައި މެސީގެ ފެނިލުމަކަށް އިންތިޒާރު ކުރަމުންދިޔައިރު، ޕީއެސްޖީއަށް ސޮއި ކުރުމަށް އިއްޔެ މެސީ އެއާޕޯޓަށް ފޭބިއިރުވެސް އެތައް ހާސް ސަޕޯޓަރުންނެއް ވަނީ މެސީގެ އިސްތިގުބާލުގައި މަގުތަކަށް ޖަމާވެފައެވެ. މެސީއާއި އާއިލާއަށް ޕީއެސްޖީން ދިނީ ފުން ލޯތްބެކެވެ.

"ބާސާ ދޫކޮށްލަން އުނދަގޫވި. އެތަކެއް އަހަރުތަކަކަށްފަހު ބާސާ ދޫކޮށްލުން ވީ އުނދަގޫ ކަމަކަށް. އެކަމަކު މި ސިޓީއަށް ފުރަތަމަ އައި ވަގުތުން ފެށިގެންވެސް އަހަންނަށް އޮތް ލޯބި ފެނުނު. ފުރަތަމަވެސް ބޭނުންވީ ތަމްރީނުތައް ފަށައި، އަވަހަށް ޓީމާއެކު ކުރިއަށް ދާން. ޕީއެސްޖީ ރައީސާއެކު މުޅި ކްލަބަށް ޝުކުރު އަދާކުރަން ބޭނުން ވޭ. މަޝްވަރާތަކުގައި އަވަސް ހައްލުތަކެއް ހޯދައި، ވަރަށް އަވަހަށް އެގްރީމެންޓަކަށް އަތުވެއްޖެ. އަހަރެންގެ އާއިލާއާއި އަހަންނަށް ޕެރިސްއިން ދޭ ލޯބި އަދިވެސް ފާހަގަކުރަން. ޕެރިސްއަށް ޝުކުރު އަދާކުރަން. މިދިޔަ މަދު ދުވަސްކޮޅަކީ އަހަންނަށްވެސް އުނދަގޫ ދުވަސްތަކެއް. އެކަމަކު މި ސިޓީއަށް އައުމާއެކު ހިތްހަމަ ޖެހުން ލިބުނު،" މިއަދުގެ ޕްރެސްގައި މެސީ ބުނެފައިވެއެވެ.

މެސީ ބުނެފައި ވަނީ ޕީއެސްޖީއަކީ ވަރުގަދަ ޓީމެއް އޮތް ކްލަބެއް ކަމަށާއި، ކެރިއަރުގެ ފުރަތަމަ ދުވަހު ހުރި އުންމީދުގައި މިއަދުވެސް ހުންނާނީ ހުރިހާ ތަށްޓެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.

"މިހާރުވެސް މިހުރީ ކެރިއަރުގެ ފުރަތަމަ ދުވަހު ހުރި އަޒުމުގައި. ކްލަބުވެސް އޮތީ އެ އަޒުމުގައި. ކްލަބު ތައްޔާރަށް އޮތީ ހުރިހާ ތަށްޓަކަށް. އެއީ އަހަރެންގެވެސް ޓާގެޓަކީ. ޕީއެސްޖީގައި އޮތީ ވަރުގަދަ ސްކޮޑެއް. އެކަން ކުރެވޭނެ ކަމުގެ އުންމީދުގައި ސީޒަނަށް ނުކުންނާނީ،" މެސީ ބުނެފައިވެއެވެ.

މެސީއާއެކު ޕީއެސްޖީން މިފަހަރުގެ ޓްރާންސްފާ ސީޒަންގައި ޕީއެސްޖީން ވަނީ ވަރުގަދަ އިތުރު ކުޅުންތެރިންތަކެއް ޓީމަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ އާއި ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ޑިފެންޑަރު ސާޖިއޯ ރާމޯސް އަދި އިންޓާގައި ވިދާލި ލެފްޓް ބެކް އަޝްރަފް ހަކީމީ ހިމެނެއެވެ. ޕީއެސްޖީގެ މައިގަނޑު ޓާގެޓަކީ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގެއް ހޯދުން ކަމަށްވާއިރު، އެކަން ކުރުމަށް ވަރުގަދަ ސްކޮޑެއް މިހާރު އެބައޮތެވެ.