ސްޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ކޯޓަށް ހާޒިރު ނުވުމުން ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ކޯޓު އަމުރު ރައްދުވުމުން ވެސް ސްޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރު ވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ މައްޗަށް ވަނީ އަމަރުކޮށްފަ އެވެ.

އެގޮތަށް ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިންއާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވައިފަ އެވެ.

ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ، އޭނާއަށް ގުޅޭނެ ގޮތަށް އަދި އުޅޭ ތަނެއް ވެސް އެންގުމަކާ ނުލައި ކަމަށް ރިޔާސަތުގައި އިންނެވި ހުސްނުއް ސުއޫދު ވިދާޅުވި އެވެ. އަދި އޭނާ ފުރުމުގެ ހުއްދަ ދިނުމަށް ޖާމިނު ކުރި ފަރާތަށް ވެސް އޭނާ އުޅޭ ތަނަކާއި ގުޅޭނެ ގޮތެއްގެ ތަފުސީލެއް ނޭނގޭ ކަމަށް، ޕީޖީ އޮފީހާ ހަވާލާ ދެއްވައި ސުއޫދު ވިދާޅުވި އެވެ.

އަލީ ވަހީދު ދިރިއުޅޭ ތަނެއް އެނގިފައި ނުވާތީއާއި ގުޅޭނެ ގޮތެއް ނެތުމުން ކްރިމިނަލް ކޯޓުގައި ހުރި އޭނާގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާ ކަން ސުއޫދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވެ އޭނާ ހާޒިރުވެފައި ނުވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

"ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަން ނުވަތަ ވަކި މީހަކަށް ވީމަ ކޯޓުތަކުން ވަކި ގޮތަކަށް ކަން ކުރާ ކަމުގެ އިހްސާސް ރައްޔިތުންގެ މެދުގައި އުފެދިއްޖެ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާއި މެދު ސުވާލު ކުރެވޭނެ،" ސުއޫދު ވިދާޅުވި އެވެ.

އެފަދަ ތަސައްވަރެއް އުފެދުނަ ނުދިނުމަށާއި ގާނޫނު އަސާސީ ދިފާއު ކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަން ސުއޫދު ފާހަގަކުރެއްވި އެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅެއް ނޭޅި ކޯޓުތަކުން އެކަމާ މެެދު ކަމެއް ނުކުރެވި މައްސަލަަތައް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާން ދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ކިނލަބު ވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވަރު އުފެދޭ ކަމެއް،" ކަމަށް ސުއޫދު ވިދާޅުވި އެވެ.

ކަން އެހެން ހުރުމުން އަލީ ވަހީދާއި މެދު ގާނޫނުގައި އޮންނަ ގޮތަށް އަމަލު ކުރަން ޖެހޭނެ ކަން ސުއޫދު ފާހަގަކުރެއްވި އެވެ.