ކޮވިޑް 19 އިން ދިފާއު ވުމަށް ޖަހާން ޖެހޭ ވެކްސިންގެ އެއްވެއް ޑޯޒެއް ނުޖަހާ 5 ޓީޗަރަކު ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.
އެޑިއުކޭޝަަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން" އަށް ދާދި ދެންމެ ވިދާޅުވީ ކޮވިޑުން ދިފާއު ވުމަށް ޖަހާން ޖެހޭ ވެކްސިން ޖެހުމަށް ޓީޗަރުންނަށް މުހުލަތެއް ދީފައިވާ ކަމަށާއި އެ ގޮތުން ސްކޫލުތައް ހުޅުވުމާ ހަމަޔަށް ވެސް އެ ފުރުސަތު ދެއްވާފައި އޮތް ކަމަށެވެ.
"އަޅުގަނޑުމެން އަންގާފަ އޮންނާނީ އޯގަސްޓު 10 ގެ ކުރިން، ވެކްސިން ޖަހަން. މަސްއޫލިއްޔަތުން އެކަހެރި މި ކުރި ޓީޗަރުންނަކީ އިއްޔެއާ ހަމަޔަށް އައި އިރުވެސް އެއްވެސް ޑޯޒެއް ނުޖައްސަވާ ބޭފުޅުން." އަހުމަދު އަލީ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ތައުލީމީ ދާއިރާގައި ދަރިވަރުންނާއި މުދައްރިސުން އަދިވެސް ސްކޫލަށް އައިސްގޮސްވާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި މިއީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެދިވަޑައިގަތުމަކީ އެ ބޭފުޅުން އަދިވެސް ވީ އެންމެ އަވަހަކަށް ވެކްސިން ޖެއްސެވުން ކަމަށެވެ.
މި ކަމުގައި ދެން އަމަލު ކުރައްވާނެ ގޮތަކާ މެދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ލަފަޔަކަށް ވެސް އެދިވަޑައިގެންފައި ވާނެ ކަމަށާއި އުއްމީދު ކުރައްވަނީ އެ ކޮމިޝަނުން ވެސް މިކަމާ މެދު މިއަދު ބަހެއް ވިދާޅުވުން ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި މި ފަސް ޓީޗަރުން ވެކްސިން ގެ އެއްވެސް ޑޯޒެއް ފުރިހަމަ ކުރައްވާފައި ނުވާ އިރު، އެއީ ކީއްވެކަން އެނގޭނެ އެއްވެސް ސަބަބެއް ވެސް އަންގަވާފައި ނުވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ވެކްސިން ނުޖަހާ ޓީޗަރުން ދަރިވަރުންނަށް ކިޔަވައިދިނުމަށް ސްކޫލުތަކަށް ހާޒިރު ވުމުގެ ފުރުސަތު ނުދޭން އެޑިޔުކޭޝަނުން ނިންމާފައި ވާ އިރު، ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ސްކޫލު ތަކަށް ވަނުން ވެސް އަންނަ މަހުން ފެށިގެން މަނާ ކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ސްކޫލު ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް ވަރަށް އަވަހަށް ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން 12 އަހަރާއި 18 އަހާ ދެމެދުގެ ހުރިހާ ދަރިވަރުންނަށް މި މަހުގެ ނިޔަލަށް ވެކްސިން ދީ ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ