އޭނާ ހުންނަނީ ފެންވަރައިގެން ކަމަށް ޖޭސަން މަމޯއާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ފެންވެރުމާ ގުޅޭ ގޮތުން ހޮލީވުޑްގެ ތަރީންގެ މެދުގައި މިދުވަސްވަރު ކުރެވެމުން އަންނަ ބަހުސްގެ ތެރެއިންނެވެ.

ހޮލީވުޑްގެ ބައެއް ތަރީން މިފަހަކަށް އައިސް ބުނެފައިވާ ގޮތުގައި އެމީހުން ކޮންމެ ދުވަހަކު ފެނެއް ނުވަރައެވެ. އޭގެ ތެރޭގައި މިލާ ކޫނިސް އަދި ފިރިމީހާ އޭޝްޓަން ކުޗާ ވަނީ އެމީހުންގެ ދަރީންވެސް ކޮންމެ ދުވަހަކު ފެން ވެރުމަކީ މުހިއްމު ކަމެއް ކަމުގައި ނުދެކޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން ކްރިސްޓަން ބެލް އާއި ޑެކްސް ޝެޕާޑް އަދި ޖޭކް ޖިލެންހޯލްވެސް ބުނާ ގޮތުގައި ކޮންމެ ދުވަހަކު ފެން ވެރުމަކީ އެމީހުންނަށް ކޮންމެހެން އެހާ މުހިއްމު ކަމެއް ނޫނެވެ.

މިކަމާ ގުޅޭ ގޮތުން އެންމެ ފަހުން އެކުއާމޭންގެ ތަރި ޖޭސަން މަމޯއާ ވެސް ވަނީ ސުވާލުކުރެވިފަ އެވެ. ޖޭސަން އާއެކު ސްވީޓް ގާލްގައި މަސައްކަތް ކުރާ އިސަބެލާ މަސެޑް ވަނީ ޖޭސަން ފެން ނުވަރާ ކަމަށް އޭނާ ގާތު ބުނި ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން، ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ހުންނަނީ ހުރިހާ އިރަކުވެސް ފެންވަރައިގެން ކަމަށް މަމޯމާ ވަނީ ބުނެފައެވެ. އަދި އޭނާ އަކީ އެކުއާމޭން ކަމުން ހުރިހާ އިރަކުވެސް އޭނާ ކަނޑުގެ ތެރޭގައި އުޅޭތީ އަބަދުވެސް ފެންވެރިފައި ހުންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހޮލީވުޑްގެ ތަރީންގެ މެދުގައި ފެންވެރުމުގެ ބަހުސް ކުރެވެމުން އަންނައިރު މިކަމާ ގުޅޭ ގޮތުން ޑްވެއިން ޖޯންސަންވެސް ވަނީ ވާހަކަ ދައްކައިފައެވެ. މިދިޔަ ހަފުތާގައި އޭނާ ކުރި ޓުވީޓެއްގައި ދުވާލަކު އޭނާ އެތައް ފަހަރަކު ފެންވަރާ ކަމަށް ވަނީ ބުނެފައެވެ. ހެނދުނު ހޭލައިގެންނާއި ވޯކްއައުޓުގެ ކުރިންނާއި ފަހުން އަދި މަސައްކަތުން ގެއަށް އަންނަ ގޮތަށް ފެންވަރާ ކަމުގައި އޭނާ ބުނެއެވެ.