ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ހިންގޭ ތަހުގީގު ވަރަށް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
އައްބާސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށާއި ދެން އޮތީ ތަހުގީގުގެ ދެވަނަ ބައި ކަމަަށްވާ އެއީ ހަމަލާގައި ހިމެނޭ ފައިސާގެ ކަންކަމާ ގުޅޭ ތަހުގީގު ކަމަަށެވެ.
"ތަހުގީގުގެ ފުރަތަމަ ބައި ކާމިޔާބުކަމާއެކު ނިންމަވައިލެއްވީތީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މަރުހަބާ ކިޔަން. އަދި ހަތަރު މީހަކަށް ދައުވާ ކުރުމުގެ ކަންކަން ކުރިއަށްދާތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށްވެސް ޝުކުރު އަދާކުރަން،" އައްބާސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ މައްސަލަތަކަށް ފަންޑުކުރަނީ މައިގަނޑު ދެގޮތަކަށެވެ. އެއްގޮތަކީ ހަމަލާއަށް ފެސިލިޓޭޓް ކުރުމަށް ހަރަދުކުރުމެވެ. އަނެއް ގޮތަކީ ހަމަލާ ދިނުމަށް އެހެން ފަރާތަކުން އެފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާދިނުން ކަމަށެވެ.
ރިޔާޒު ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 317 އަށްވުރެ ގިނަ ބޭންކް ސްޓޭޓްމަންޓް އެނަލައިޒްކޮށްފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުން މިއީ ބަޔަކު އިނާމެއް ދީގެން ދިިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. މިއީ އެމީހުންގެ އަމިއްލަ މަގުސަދެއް އޮވެގެން ދިން ހަމަލާއެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދިހަ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެ މައްސަލައިގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު އަދި އަލީ ހައިޝަމެވެ.
އެ ހަތަރު މީހުންގެ އިތުރުން ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީއާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޕޮލިސް އިންޓެލް އަހްމަދު ފާތިހަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރަން ނިންމުމުން، އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު