ރ. އުނގޫފާރާއި ހއ. ދިއްދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރ. އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައި ތިންވަނަ ފަހަރެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔާން "ވަން" އަށް މިރޭ ވިދާޅުވީ، އެރަށުން މިހާތަނަށް ޕޮޒިޓިވްވީ ހަތަރު މީހުން ކަމަށާއި އެ އެންމެންނަކީވެސް އެއް ގެއެއްގައި ދިރިއުޅެމުން އައި ބައެއް ކަމަށެވެ.

އެމީހުން އިތުރު ބަޔަކާ ކޮންޓެކްޓްވެފައި ނުވާ ކަމަށްވެސް ޒަޔާން ވިދާޅުވިއެވެ. އުނގޫފާރު އާންމު ހާލަތަށް ގެނެސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ހއ. ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައި ތިންވަނަ ފަހަރެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އުސްމާން އަޝްރަފު މިރޭ "ވަން" އަށް ވިދާޅުވީ، އެރަށް އާންމު ހާލަތަށް ގެނެސްފައިވާއިރު އެރަށުން މިހާތަނަށް 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އުނގޫފާރާއި ދިއްދޫ އާންމު ހާލަތަށް ގެނެސްފައިވާ އިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 11 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ. އެއީ ރ. ދުވާފަރާއި ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ އާއި މ. ކޮޅުފުއްޓާއި ށ. ފީވަކާއި ހއ. ތަކަންދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫ އާއި އއ. ހިމަންދޫގެ އިތުރުން ތ. ހިރިލަންދޫއެވެ.