ހުޅުމާލޭގައި ހައްދާފައިވާ ގަސްތައް ކަނޑައި ނަގަމުން ގެންދާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި އެދެފިއެވެ.

ސިޓީ ކައުންސިލުގައި ހުޅުމާލެ ތަމްސީލު ކުރައްވާ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެ ރައްޔިތުން ހައްދާފައިވާ ގަސްތައް، އެ ރައްޔިތުންގެ ބަހެއް ނެތި ނަގަމުން ގެންދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެޗްޑީސީން ކަން ކުރަމުން ގެންދާ އުސޫލުން އެކަން ކުރުން ހުއްޓާލުމަށް ސިޓީ ކައުންސިލުން ރަސްމީކޮށް އެ ކުންފުނީގައި ދަންނަވާފައިވާނެ ކަމަަަށެވެ.

"މިފަދަ ކަމެއް ކުރުމުގެ ކުރިން މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްވެސް ވާނީ އެޗްޑީސީގައި ދަންވާފައި،" ޝުޖާއު ވިދާޅުވިއެވެ.

އެޗްޑީސީން ބައެއް މަސައްކަތްތައް ކުރުމަށް މިހާރު ގެންދަނީ ހުޅުމާލެ މައި މަގުގައި ހައްދާފައިވާ ބައެއް ގަސްތައް ނަގަމުންނެވެ.