އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ޕީއެސްޖީއަށް ދިޔުމަށް އެއްބަސް ވެއްޖެ ކަމަށް އިތުބާރު ހުރި ހަބަރުތަކުން ބުނެފިއެވެ.
ޔޫރަޕްގެ އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި ޕީއެސްޖީން ހުށަހަޅާފައިވާ ހުށަހެޅުމަށް މެސީގެ އެޖެންޓާއި މެސީ ވަނީ އެއްބަސްވެފައެވެ. ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ދާން އެއްބަސްވެފައިވާއިރު، ދެ އަހަރު ފަހުން ޕީއެސްޖީން ބޭނުންނަމަ ކޮންޓްރެކްޓް 2024 އާ ހަމައަށްވެސް އިތުރު ކުރޭވެ ގޮތަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޕީއެސްޖީން ނިންމާފައި ވަނީ މެސީއަށް އަހަރެއްގެ މައްޗަށް 35 މިލިއަން ޔޫރޯ ދިނުމަށެވެ. އޭގެ އިތުރުން ބޯނަސް ތަކާއި އެޑް އޮންސްތައް ދޭނެއެވެ.
މެސީ ޕީއެސްޖީއާއެކު ޓްރާންސްފާއަށް އެއްބަސްވެފައިވާއިރު، ބެލެވޭ ގޮތުގައި މެސީ މިއަދުގެ ވަގުތެއްގައި އާއިލާއާއެކު ޕެރިސްއަށް ދާނެއެވެ. މެސީގެ އިންތިޒާރުގައި މިހާރުވެސް ޕެރިސްގައި ޕީއެސްޖީގެ އެތައް ސަޕޯޓަރުންނެއް ވަނީ އެއާޕޯޓު ކައިރިޔަށް އެއްވެފައެވެ.
ގިނަ ދުވަސްތަކެއް ބާސެލޯނާގައި ހޭދަކުރުމަށްފަހު މިދިޔަ ހުކުރު ދުވަހު މެސީ ވަނީ ކްލަބު ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފައެވެ. ކްލަބު ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.
ވަދާއީ ޕްރެސްގައި މެސީ ބުނެފައި ވަނީ ޕީއެސްޖީއަކީ އޭނާއަށް "ޕޮސިބިލިޓީ""އެއް ކަމަށެވެ. އޭރުުވެސް މެސީގެ އެޖެންޓާއި މެސީގެ ލޯޔަރުން ދިޔައީ ޕީއެސްޖީއާއެކު ވާހަކަ ދައްކަމުންނެވެ.
މެސީ ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު