ކޮވިޑް ކޮންޓްރޯލު ކުރުމުގައި މި ލިބުނު ކުރިއެރުން ދެމެހެއްޓުމަށް މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވެފައިވަނީ، މި އަހަރުގެ ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ހުޅުމާލޭ ރެހެންދި ސްކޫލްގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައި، ދިރާސީ އާ އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެހެން ގައުމުތައް އަދިވެސް އޮތީ ވަރަށް ދަތި ނިކަމެތި ހާލަތެއްގައި ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ގިނަ ގައުމުތައް އަދިވެސް އޮތީ ފުރަބަންދުގައި ކަމަށާއި އާންމު ވިޔަފާރިތަކާއި، ދަތުރުފަތުރުތައް ހުއްޓި ގިނަ ބަޔަކު އަދިވެސް ތިބީ ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖެހިފައި ކަމަށެވެ.
ނަމަވެސް ރާއްޖެއަށް ބޭނުންވާ ވަރަށް މިހާރު ހުރީ ވެކްސިން ލިބިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު ރާއްޖެއަށް މިހާރު ވަނީ އާ އާންމު ހާލަތަކަށް އާދެވިފައިކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން، އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލާފައިވާއިރު ސްކޫލް މަދަރުސާތަކުގެ ކިޔެވުންވެސް އާންމު އުސޫލުން މިއަދު ފަށައި އާންމު ދަތުރުފަތުރުތަކަށްވެސް ވަރަށް ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ބައެއް ގައުމުތަކުގައި، ކޮވިޑް ޖައްސާ ވައިރަހުގެ ތަފާތު ބާވަތްތައް ފެތުރެމުންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އާ އާންމު ހާލަތަކަށް ދިވެހިންނަށް އާދެވިފައިވިޔަސް، ކޮވިޑް-19ގެ ނުރައްކާތެރިކަން މުޅިން ފިލައިގެންދިޔައީ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. ކޮވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށް، ސަމާލުވެގެން ތިބުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
"އެހެންކަމުން އަޅުގަނޑުމެން މިއަދު ގަދައަޅައި މަސައްކަތް ކުރަންވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި މި ލިބުނު ކުރިއެރުން އެގޮތުގައި ދަމަހައްޓަން. އަޅުގަނޑުމެންގެ ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާއިރުވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސް ފުރިހަމައަށް އަމަލުކުރެއްވުން ވަރަށް މުހިންމު،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައް ވެސް، އާންމު އުސޫލުން ހުޅުވައި ހިދުމަތްދޭއިރު، އޮފީސްތަކުގެ މުވައްޒަފުން ވެސް، އަދި ހިދުމަތް ހޯއްދަވާ ފަރާތްތައް ވެސް، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު