އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޓްރާންސްފާއަށް ޕީއެސްޖީން ތައްޔާރުވަމުންދާ އިރު، އޭނާގެ ފްލައިޓުގެ އިންތިޒާރުގައި ޕީއެސްޖީގެ ސަޕޯޓަރުން އެއާޕޯޓަށް އެއްވާން ފަށައިފިއެވެ.

ގިނަ ދުވަސްތަކެއް ބާސެލޯނާގައި ހޭދަކުރުމަށްފަހު މެސީ ވަނީ ކްލަބު ދޫކޮށްލަން ނިންމިކަން އިއުލާންކޮށްފައެވެ. ކްލަބު ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.

ވަދާއީ ޕްރެސްގައި މެސީ ބުނެފައި ވަނީ ޕީއެސްޖީއަކީ އޭނާއަށް "ޕޮސިބިލިޓީ""އެއް ނަމަވެސް، އަދި އެއްވެސް ކްލަބަކަށް އެއްބަސްވެ، ޓްރާންސްފާ ނުނިމޭ ކަމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މެސީ ހޯދުމަށް ޕީއެސްޖީން މަސައްކަތްކޮށް، އެކަން ވަނީ ގާތްގަނޑަކަށް ކާމިޔާބުވެފައެވެ. ޕީއެސްޖީގެ ފަރާތުން އެއްބަސްވުން ހުށަހަޅައި، މެސީގެ އެޖެންޓް އަދި ބައްޕަ ޖޯޖާއެކު ލޯޔަރުން މިހާރު ކޮންޓްރެކްޓުގެ އެންމެ ފަހުގެ މަރުހަލާ ނިންމަމުންދާ ކަމަށް ހަބަރުތައް ބުނެފައިވެއެވެ.

އެ މަރުހަލާތައް ކުރިއަށްދާ އިރު، މެސީ އަދި ހުރީ އާއިލާއާއެކު ސްޕެއިންގެ ބާސެލޯނާގައެވެ. އެކަން ވަނީ އިތުބާރު ހުރި ނޫސްތަކުން ކަށަވަރު ކޮށްދީފައެވެ. މެސީ ޕީއެސްޖީއަށް ސޮއިކުރުމަށް ޕެރިސްއަށް ދާނެ ވަގުތަކަށް އެތަކެއް ސަޕޯޓަރުންނެއް ތައްޔާރުވަމުންދާ އިރު، މިހާރުން ފެށިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއާޕޯޓަށް ޖަމާވެފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޕީއެސްޖީން މެސީގެ ޓްރާންސްފާ އިއުލާނު ކުރުމަށް ބޮޑެތި ހަރަކާތްތަކެއް ހިންގާނެއެވެ. ހާއްސަކޮށް ޕެރިސްގެ ލޭންޑްމާކު ޓަވަރު، އެފިލް ޓަވަރުވެސް ދިއްލާލަން ބުކިން ހައްދާފައިވާ ކަމަށް ހަބަރުތައް ބުނެފައިވެއެވެ.