ފުވައްމުލަކު ސިޓީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރި ނައިބު ތުއްތު މަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ދެ މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ބުންޏެވެ.
އެކްސިޑެންޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު މިއަދު "ވަން" އަށް ވިދާޅުވީ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެގެން އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން 28 އަހަރުގެ ފިރިހެން މީހާގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ސައީދު ވިދާޅުވީ ބޮލަށް އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ފުރުވާލުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އޭނާ މާލެ ފޮނުވާލަނީ އިތުރު ބަލި މީހަކު ބަލައި ދާ ޗާޓަރު ފްލައިޓެއްގައި ކަމަށާއި މިރޭގެ ވަގުތެއްގައި މާލެ ފުރުވާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލުވެސް ދުއްވާފައިވަނީ ލައިސެންސް އޮތް ދެ މީހުންނެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު