މިއަހަރު ބާއްވަން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެެއެވެ.
ސާފްގެ އެގްޒެކެޓިވް ކޮމިޓީން މިއަދު ނިންމާފައިވާ ގޮތުގައި، ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި އޮންނާނީ އަންނަ އޮކްޓޯބަރު މަހު އެކަކުން 13 އަށެވެ.
ކުރިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން އޮތީ ބަންގްލަދޭޝްގައި ނަމަވެސް އެގައުމުގެ ކޮވިޑް 19ގެ ހާލަތާއި، އެހެނިހެން ކަންކަމަށް ބަލައި، މުބާރާތް އެގައުމުގެ ހޯސްޓް ނުކުރެވޭނެ ކަމަށް ބަންގްލަދޭޝްއިން އެންގިއެވެ.
އެހިސާބުން މުބާރާތް އަލުން ހޯސްޓް ކުރާނެ ގައުމެއް ހޯދުމަށް ސާފުން ވަނީ އިއުލާން ކޮށްފައެވެ. އެފަހަރު ހުޅުވާލުމުން މުބާރާތް ބާއްވަން ޝައުގުވެރިވެ ރަސްމީކޮށް ބިޑްކުރީ ރާއްޖެއާއި ނޭޕާލެވެ.
މިހާތަނަށް މުބާރާތުގައި ކުޅޭނެ ފަސް ގައުމެއް ވަނީ ޔަގީން ވެފައެވެ. އެއީ ބަންގްލަދޭޝްއާއި އިންޑިއާގެ އިތުރުން ރާއްޖެއާއި، ނޭޕާލް އަދި ސްރީލަންކާއެވެ. ބޫޓާނުން މުބާރާތުގައި ވާދަކުރާނެ ކަމުގެ ޔަގީންކަން އަދި ދީފައެއް ނުވެއެވެ. އެގައުމަށް ޔަގީންކުރަން ދީފައި ވަނީ ތިން ދުވަހުގެ މުއްދަތެކެވެ.
މިއީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާ ދެވަނަ ފަހަރެވެ. ކުރިން 2008 ވަނަ އަހަރު ރާއްޖޭގައި މުބާރާތް ހޯސްޓް ކުރީ ސްރީލަންކާއާ ގުޅިގެންނެވެ. އެފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ރާއްޖެއެވެ. އޭގެ ފަހުން ދެން ޗެމްޕިއަންކަން ހޯދީ އެންމެފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު