ސައުތު އޭޝިއަން ފުޓުބޯޅަ އެސޯސިއޭޝަން (ސާފް) ރީޖަންގައި އަލަށް އެކުލަވައިލި ރީޖަނަލް ސޭފްގާޑިން ސްޓިއަރިން ކޮމިޓީގެ ޗެއާމަނަކަށް ރާއްޖޭގެ އެފްއޭ ހަމަޖައްސައިފިއެވެ.

ސޭފާ ސްޕޯޓްސް ޑޭއާއި ގުޅުވައިގެން ސާފްގެ ފުރަތަމަ ސޭފްގާޑިން ޕޮލިސީތައް އެކުލާވާލައި، ސަރަހައްދީ ހާއްސަ އުސޫލުތަކެއް އެކުލަވައިލުމަށް އިއްޔެ ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. ބައްދަލުވުމުގައި ނިންމާފައި ވަނީ އަލަށް އިއުލާން ކޮށްފައިވާ ސްޓިއަރިން ކޮމިޓީގެ ޗެއާމަން ކަން އަހަރުން އަހަރަށް ބަދަލުކުރަމުން ގެންދާ ގޮތަށެވެ.

ރާއްޖެއަށް އެ ކޮމެޓީގެ ޗެއާކަން ދިނުމަށް ގައުމުތަކުން ނިންމާފައި ވަނީ އެފްއޭއެމްގެ ސޯޝަލް ރެސްޕޮންސިބިލިޓީ ޑިވިޝަންގެ މަސައްކަތްތައް ފުރިހަމަކަމުން ކަމަށާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ސޯޝަލް މަސައްކަތްތަކެއް ކޮށްފައި ވަނީ އެފްއޭއެމް އިން ކަމަށެވެ. ސާފުން ފާހަގަކޮށްފައިވާ ގޮތުގައި އެފްއޭއެމް ޗެއާގެ މަގާމަށް ހަމަޖެއްސުމަށް އެ އިދާރާއަށް ފުރުސަތު ލިބުމަކީ ޝަރަފެކެވެ.

ސްޓިއަރިން ކޮމިޓީގެ ޗެއާގެ މަގާމު މިފަހަރު ވަގުތީ ގޮތުން ހަވާލުކުރި ނަމަވެސް އިތުރު ބައްދަލުވުންތަކުގައި ދާއިމީ ކޮށް ޗެއާކުރާނެ ގައުމެއް މި ދައުރަށް ކަނޑައެޅުމާއި، އޮނިގަނޑުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ސާފުން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގެ އެފްއޭއިން ދާދިފަހުން ވަނީ އާކާއި އެފްއޭއެމް ގުޅިގެން ޗައިލްޑް ސޭފްގާޑު ޕޮލިސީއެއް އިފްތިތާހު ކޮށްފައެވެ. ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އިފްތިތާހު ކޮށްދެއްވައި، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ޗައިލްޑް ސޭފްގާޑިންގެ މުހިންމުކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން މިކަމަށް ހައްލެއް ހޯދަން ދުރާލައި ވިސްނައި މިކަން ފެށީތީ އެފްއޭއެމް އަދި މި ޕޮލިސީ އެކުލަވައިލުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެހެންމެ ކުޑަކުދީންނާ ގުޅޭ މިފަދަ މުހިންމު ޕޮލިސީއެއް އެކުލަވައިލުމުގައި އެ ކުދީންގެ މަޝްވަރާއާއި ބައިވެރިވުން ހޯދާފައިވާތީ އެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ އެފްއޭއެމް ފައުންޑޭޝަން އަދި އެފްއޭއެމް އާއި އާކް ޖަމިއްޔާ ގުޅިގެން އަދި ޔުނިސެފް މޯލްޑިވްސް އާއި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ބައިވެރިވުމާއެކު އެކުލަވާލައިފައިވާ ޕޮލިސީއެކެވެ.

މި ޕޮލިސީގެ މައިގަނޑު ބޭނުމަކީ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ކުދިންނަކީވެސް، ކުޑަކުދިންނަށް ކުރާ އަނިޔާ އާއި، އެކުދީންނަށް ވާ އިހުމާލާއި، އެކުދިންނަށް ކުރިމަތިވާ ހަނގާކުރުން ފަދަ ކަންކަމުން ރައްކާތެރިވެ ތިބެ ފުޓުބޯޅައިގައި ބައިވެރިވާ ކުދިން ކަމުގައި ހެދުމެވެ.