އާޖެންޓީނާގެ ކެޕްޓަން، ބާސެލޯނާގެ ލެޖެންޑަރީ ކުޅުންތެރިޔާ ލިއޮނަލް މެސީ ކްލަބަށް އަލްވަދާއު ކިޔުމަށް ބޭއްވި ޕްރެސް ފެށުމުގެ ކުރިން އޭނާއަށް ވަރަށް ބޮޑަށް ގިސްލައި ރޮވިއްޖެއެވެ.

ބާސާގައި 17 އަހަރު ހޭދަކުރުމަށްފަހު މެސީ ކްލަބު ދޫކޮށްލަން ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓްގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.

އެތައް ކާމިޔާބީތަކަކަށްފަހު މެސީ ބާސާ ދޫކޮށްލުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ ޝޮކަކަށް ދިޔަ ކަމަކަށެވެ. އެކަން ގަބޫލުކުރަންވެސް ދަތިވެގެން ގޮސްފައިވާއިރު، މިއަދު ކުރިއަށް ދަނީ ބާސާ ދަނޑުގައި ބާއްވާ މެސީގެ ވަދާއީ ޕްރެސް ކޮންފަރެންސެވެ. ޕްރެސްއަށް ތައްޔާރު ކޮށްފައިވާ ކުޑަ ހަފުލާގައި މެސީ ބާސާއާއެކު ހޯދާފައިވާ ތަށިތައްވެސް ނޫސްވެރިންނަށް ދައްކާލާފައިވެއެވެ. ޕްރެސްގައި ވާހަކަ ދައްކަން ފެށުމުގެ ކުރިން މެސީއަށް ވަނީ ވަރަށް ބޮޑަށް ގިސްލައި ރޮވިފައެވެ. އެ މަންޒަރު ބަލަން ތިބި ބާސާގެ އެތައް ކުޅުންތެރިންނަށްވެސް ވަނީ ރޮވިފައެވެ.

"އަހަރެން ހުރީ ބާސާގައި މަޑުކުރަން. މިއީ އަހަރެންގެ ހޯމް، އަހަރެންގެ މުޅި އާއިލާގެ ހޯމް. އަހަރެން ބޭނުންވަނީ ބާސާގައި މަޑުކުރަން. އަހަރެންގެ މުޅި އުމުރު މިތަނުގައި ހޭދަކޮށްފައި މި ޖެހުނީ އެހުރިހާ ކަމެއް ދޫކޮށްލަން. އަހަރެން ހުރީ ބާސާއާއެކު ކުރިއަށްދާން އެއްބަސްވެގެން. އެކަމަށް ކްލަބާއެކު އެއްބަސްވެ ސޮއިކުރަން އުޅުނު ހިސާބުން ލަލީގާގެ ކަންކަން ބަލައި، އެ ކޮންޓްރެކްޓްގައި ސޮއި ނުކުރެވުނީ. ކްލަބުގައި މަޑުކުރަން އަހަރެން ހުރިހާ ކަމެއްވެސް ކުރިން،" ހިތާމައާއެކު މެސީ ބުނެފައިވެއެވެ.

މެސީ ބުނެފައި ވަނީ ބާސާ ދޫކޮށްލުމަކީ އޭނާގެ އާއިލާއަށްވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި، "އާޖެންޓީނާގެ ކަޓަލާން" ތިން ކުދިންނާއި، އަންހެނުން ގޮވައިގެން ދެން އެހެން ޗެލެންޖަކާ ކުރިމަތިލާން ޖެހިއްޖެ ކަމަށެވެ. މެސީ ބުނެފައި ވަނީ ބާސާއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ބާސާ ދޫކޮށްލަން ޖެހުމަކީ ދެރަވި ކަމެއް ކަމަށެވެ.

އޭގެ އިތުރުން މެސީ ބުނެފައި ވަނީ ޕީއެސްޖީއަކީ އޭނާއަށް "ޕޮސިބިލިޓީ""އެއް ނަމަވެސް، އަދި އެއްވެސް ކްލަބަކަށް އެއްބަސް ވެ، ޓްރާންސްފާ ނުނިމޭ ކަމަށެވެ.

މެސީ ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.

https://www.youtube.com/watch?v=8Bwquo4cgsk