އިންޑިއާގެ އެއްވަނަ ބަޖެޓް އެއާލައިން އިންޑިގޯގެ ދަތުރުތައް ޗެންނާއީއާއި ހައިދަރުއާބާދުން ސީދާ ރާއްޖެއަށް ފަށެމަށް ނިންމައިފިއެވެ.

އިންޑިގޯއިން ބުނީ، މާލެއިން ޗެންނާއީއަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި އަދި ޖެހިގެން އަންނަ ދުވަހު ހައިދަރުއާބާދާއި މާލެއާ ދެމެދު ދަތުރުތައް ފަށާނެ ކަމަށެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މާލެއިން ޗެންނާއީއަށް ދަތުރުތައް ފަށާނީ މި މަހުގެ 21ގައެވެ. އަދި މާލެއިން ހައިދަރައާބާދަށް ސީދާ ދަތުރުތައް ފަށާނީ މި މަހުގެ 22ގައެވެ.

އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންޑިގޯއިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތައް އިތުރުކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ފަށާއިރު މާލެ އާއި ޗެންނާއީއާ ދެމެދު ހަފުތާއަކު ދެ ފްލައިޓް ބާއްވަން ވަނީ ނިންމާފައެވެ. އަދި ހައިދަރުއާބާދާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެ އެވެ.

އިންޑިގޯއިން ރާއްޖެއާ ދެމެދު އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފެށުމަށް މިވަނީ ނިންމައިފަ އެވެ.

އެންމެ ދެ އެއާކްރާފްޓުން ފެށި އިންޑިގޯގެ ފްލީޓްގެ އަދަދު މިހާރުވަނީ 194 އަށް ވަނީ އަރައިފައެވެ. ރާއްޖެއަށް ދަތުރު ފެށުމާއެކު އިންޑިގޯގެ އިންޓަނޭޝަނަލް ދަތުރުކުރާ ޑެސްޓިނޭޝަންތަކުގެ އަދަދު 13އަށް ވަނީ އަރައިފައެވެ.