މާލެ ސިޓީގައި ދުއްވުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރުތަކުގެ ތެރެއިން ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުން ގެންގުޅޭ ހަތަރު ފުރުޅުލީ ވެހިކަލްއަށް ވިއްކާ ޕާކިން ޒޯންތަކަށް ކުރިމަތިލުމަށް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، އެ ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސުނާމީ ބިނާ ހުންނަ ތިން ރުއްޕާކް ސަރަހައްދުން ކަމަށާއި، އެގޮތުން ހަތަރު ފުރުޅުލީ ކާރާއި، ޕިކަޕާއި ވޭން އަދި 350 ކިލޯގެ ޕިކަޕްތަކަށް ހާއްސަކޮށްގެން އެ ސަރަހައްދުގައި އެކު ޖުމްލަ 20 ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިއްޔެ އިން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއެކު، އައިޑީކާޑުގެ ކޮޕީގެ އިތުރުން ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށް ވަނީ އެދިފައެވެ.
ވިލިމާލޭގައި ދިރިއުޅޭ އެ ރަށުގެ ރަށްވެއްސަކަށް ނުވާ ފަރާތެއް ކަމުގައިވާނަމަ ސިޓީއާއި، އައިޑީކާޑުގެ ކޮޕީ އާއި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީގެ އިތުރުން، ވިލިމާލޭގައި ދިރިއުޅެމުންދާ ފަރާތެއްކަން އެނގޭނެ ފަދަ ސިޓީއެއް ގޭގެ ވެރިފަރާތުގެ ނަމުގައި ހުށަހަޅަން ޖެހޭނެއެވެ. އެ ސިޓީ ހުށަހަޅަން ޖެހޭނީ ސިޓީގައި ވިލިމާލޭ ސެކްޝަނުން ސައްހަކަމަށް ކަނޑައަޅާފައިވާ ތައްގަނޑު ޖެހުމަށްފަހުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ޖާގަހޯދުމަށް އެދި ސިޓީ ހުށަހަޅަން ޖެހޭނީ ވެހިކަލްގެ ވެރިފަރާތުން ނުވަތަ ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ވެހިކަލް ބޭނުންކުރާ ފަރާތުންނެވެ. ޕާކިން ޒޯނުން ޖާގަ ލިބޭ ފަރާތްތައް ކަނޑައެޅޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ކަމަށް ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު