ޓޯކިއޯ އޮލިމްޕިކްސްގެ ރަން މެޑަލް މެޗުގައި ސްޕެއިން ބަލިކޮށް، ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފިއެވެ.

ޖަޕާނުގެ ތާރީހީ ޔޮކަހާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުނީ އިތުރު ވަގުތުގެ 30 މިނެޓު ކުޅެގެންނެވެ. މިއަދުގެ މެޗު ކުޅުނު ޔޮކަހާމާ ސްޓޭޑިއަމްއަކީ މީގެ ކުރިންވެސް ބްރެޒިލްގެ ފުޓުބޯޅަ ކާމިޔާބީއަކާ ގުޅިފައިވާ ސްޓޭޑިއަމްއެކެވެ. އެ ސްޓޭޑިއަމްއަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް އެގައުމުން އުފުލާލި ސްޓޭޑިއަމްއެވެ.

ފުރަތަމަ ހާފުގައި ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ. ހާއްސަކޮށް ކުރިއަށް ކުޅެމުންދިޔަ ރިޗާލްސަންގެ ނުރައްކާ ސްޕެއިންއަށް ކުރިމަތިވިއެވެ. ރިޗާލްސަން ހާފުގެ ކުރީކޮޅުގައި ފޮނުވާލި ހަމަލާ ސްޕެއިން ގޯލްކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައެވެ. ބްރެޒިލަށް ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޕެނަލްޓީގައި ލީޑު ނެގޭ ގޮތެއް ނުވިއެވެ. ރިޗާލްސަންގެ ޕެނަލްޓީ ދިޔައީ މަތިންނެވެ.

މެޗުގައި ބްރެޒިލުން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ސްޕެއިންގެ ޑިފެންސް ތެރެއިން ފުރުސަތު ހޯދައި، އެ ގޯލު ބްރެޒިލަށް ކާމިޔާބު ކޮށްދިނީ މިހާތަނަށް އޮލިމްޕިކްސްގައި އެޓީމަށް ރަނގަޅު ކުޅުމެއް ދައްކަމުން އައި މަތިއަސް ކޫންޔާއެވެ. އެ ގޯލަކީ މިފަހަރުގެ އޮލިމްޕިކްސްގައި ކޫންޔާ ޖެހި ތިންވަނަ ގޯލެވެ.

ގޯލާއެކު އުންމީދުގައި ހާފު ނިންމާލި ބްރެޒިލަށް ދެވަނަ ހާފުވީ ޗެލެންޖަކަށެވެ. ހާއްސަކޮށް ސްޕެއިންއިން ބަދަލުތަކާއެކު ކުޅުން ރަނގަޅު ކޮށްފައިވާ އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ސްޕެއިންއިން މެޗުގެ ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ކާލޯސް ސޮލާގެ ހިތްގައިމު ހުރަސް ގޯލަށް ވައްދާލީ މިކޭލް އޮޔަރުޒަބަލްއެވެ. ދެވަނަ ހާފުގައި ސްޕެއިންގެ ކެޕްޓަން ބޭންޑުގައިވެސް ކުޅުނީ އޮޔަރުޒަބަލްއެވެ.

އިތުރު ފުރުސަތުތައް ދެޓީމަށް ދެވަނަ ހާފުގައި ފަހިވި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިތުރު ގޯލެއް ނުޖެހިއެވެ. މެޗު ދިޔައީ އިތުރު ވަގުތަށެވެ. އިތުރު ވަގުތުގެ ތެރޭގައި އެންމެފަހުގެ ރަން މެޑަލިސްޓުން ކަމަށްވާ ބްރެޒިލުން ލީޑު ނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް މެލްކޮމްގެ ގޯލަކުންނެވެ. އެ ގޯލާއެކު ބްރެޒިލަށް ރަން މެޑަލް ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އާވިއެވެ.

ބްރެޒިލް ވެފައި ވަނީ އޮލިމްޕިކްސް ފިރިހެން ފުޓުބޯޅަ އިވެންޓުގެ ރަން މެޑަލް ދިފާއުކުރި ހަތަރުވަނަ ޓީމަށެވެ. އެގައުމުގެ އިތުރުން ދެން އެ ޝަރަފު ހާސިލުކޮށްފައި ވަނީ އިނގިރޭސިވިލާތާއި، ހަންގޭރީގެ އިތުރުން އުރުގުއޭއެވެ.