އިންޑަސްޓްރިއަލް ޒޯނުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ދީފައިވާ ބިން މާލޭ ސިޓީ ކައުންސިލުން ހުސްކުރީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމަށ އެކުންފުނިން މިއަދު ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު އިންޑަސްޓްރިއަލް ޒޯނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނުން އެކުންފުންޏަށް ދީފައިވާ ބިމެއްގައި ކުންފުނީގެ ބޭނުމަށް ޖަހާފައިވާ ފެންސްތައް ކަނޑައި އެ ބިމާ އިންވެގެން ހުރި އެހެން ބިމެއްގައި އެތަކެތި ޖަހާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން މިކަން ކޮށްފައިވަނީ އެ ކުންފުންޏަށް އެންގުމަކާ ނުލައި މި އީދު ބަންދުގައި ކަމަށެވެ. އަދި ވިދާޅުވީ އެތަނުގެ ސެކިއުރިޓީއަށް އެތަނުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ގެންގޮސްފައިވާ ތަކެތިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.
"މި ބަންދު ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އަޅުގަނޑުމެންގެ ހުއްދައެއް ނެތި ސިޓީ ކައުންސިލުން އަޅުގަނޑުމެންގެ ކުންފުންޏަށް ދީފައި އޮތް ބިމެއްގައި ޖަހާފައި ހުރި ފެންސްތައް ކަނޑައިގެން ސިޓީ ކައުންސިލުގެ ބޭނުމަށް އެތަނާ އިންވެގެން ހުރި ބިމުގައި ބޭނުންކުރާކަން. އެތާ ސެކިއުރިޓީ ކަންތަކަށް ސީސީޓީވީ ހަރުކުރަން ނިންމާފައި އިންފްރާސްޓްރަކްޗާ ވެސް ގާއިމުކޮށްފަ ހުރީ. އެކަމަކު އެ އެއްޗެއްސަށް ވެސް ވީނުވީއެއް ނޭނގޭ،" އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ސްޓެލްކޯގެ ފަރާތުން ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. އަދި ސިޓީ ކައުންސިލުގެ ބިމުގައި އެ ފެންސް ޖެހުން ހުއްޓާލުމަށް ފުލުހުން އެ ކައުންސިލަށް އަންގާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ފުލުހުން މިކަން ހުއްޓުމަށް އެންގި ނަމަވެސް އެ ބިމުގައި ފެންސް އެއްކޮށް ޖަހައި ނިންމާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ފުލުހުންގެ ބަހެއް މިކަމުގައި އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސްޓެލްކޯ އިން ބުނީ މި ބިމަކީ އެކުންފުނީގެ ބެކަޕް ޕަވާ ހައުސް އާއި ގްރިޑް ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ރައްކާކުރުމަށް އެ ކުންފުންޏަށް ދީފައިވާ ބިމެއް ކަމަށެވެ. އަދި ތިލަމާލެ ބުރިޖާއެކު މި ބިމުގައި 132 ކިލޯ ވޮޓުގެ ސަބްސްޓޭޝަނެއްވެސް ގާއިމުކުރާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ސްޓެލްކޯގެ މި ތުހުމަތުތަކާ ގުޅިގެން "ވަން" އިން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ގުޅާލުމުން ވިދާޅުވީ "ތިކަން ޗެކް ކޮށްލާނަން" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު