ވެކްސިން ނުޖަހާ ސީއެންއެންގެ ބައެއް މުވައްޒަފުން އޮފީހަށް ނުކުތުމުން ވަޒީފާއިން ވަކިކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ކޮވިޑް ވެކްސިން ޖަހާފައި ނުވާތީ ސީއެންއެންގެ ތިން މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެމެރިކާގެ ކުންފުނިތަކުގައި މަސައްކަތަށް ނުކުމެގެން ވަޒީފާ އަދާކުރަން ޖެހޭ މުވައްޒަފުން ކޮވިޑުން ދިފާއު ވުމަށް ވެކްސިން ޖެހުން ވަނީ މަޖުބޫރު ކޮށްފައެވެ. އެގައުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު ފޭސްބުކް، ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އަންގާފައެވެ.

ސީއެންއެންގެ ތިން މުވައްޒަފަކު ވަކިކުރިކަން އަންގައި އެފަރާތްތަކަށް ބުރާސްފަތި ދުވަހު ފޮނުވި މެމޯގައި، މަސައްކަތަށް ނުކުންނަ މުވައްޒަފުން ވެކްސިން ޖެހުމަށް އަންގާފައިވާއިރު މިކަމުގައި އެ ކުންފުނިން ގެންގުޅެނީ ޒީރޯ ޓޮލެރެންސް ޕޮލިސީއެއް ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ބައެއް ކުންފުނިތަކުން އަލަށް ވަޒިފާއަށް މީހުން ނަގާ އިރު، ވެކްސިން ނުޖަހާ މީހުންނަށް ފުރުސަތު ނުދިނުމަށް ވަނީ ނިންމައިފަ އެވެ.