ލިއޮނަލް މެސީއާއެކު ބާސެލޯނާއަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އެ އެއްބަސްވުމުގައި ވާ ގޮތަށް ލަލީގާއިން ރަޖިސްޓްރީ ނުކޮށްދިން ކަމަށް ބާސާ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.
މެސީއާއި ބާސާގެ ވާހަކައަކީ މިހާރު މީޑިއާގައި އެންމެ ބާރަށް ދެކެވެމުންދާ ވާހަކަތަކެވެ. މެސީ ބާސާ ދޫކޮށްލާނެކަން ބާސާއިން ޔަގީން ކޮށްދީފައިވާއިރު، ދެފަރާތް އެއްބަސްވުމަކާ ހަމައަށް ގޮސް، ކޮންޓްރެކްޓްގައި ސޮއި ނުކޮށް، ކުއްލިއަކަށް "ޔޫ ޓާން"އެއް ނެގި ސަބަބާ މެދު އޮތީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. ވާނީވެސް އެހެންތާއެވެ. މެސީއަކީ ފާއިތުވެދިޔަ 17 އަހަރު ބާސާގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ.
އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލް ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.
މިދިޔަ ސީޒަންގެ ނިޔަލަށް މެސީގެ ކޮންޓްރެކްޓް ހަމަވެ، އޭނާއާއެކު ކޮންޓްރެކްޓް އާކުރަން ބާސާއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ކޮވިޑް 19 ގެ ސަބަބުން ލަލީގާގެ ފައިނޭންޝިއަލް ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މުސާރަ ކެޕްކޮށް، އުސޫލުތައް ބަދަލުކުރުން ވެގެން ދިޔައީ މެސީއާއި ބާސާއަށް އާ ކޮންޓްރެކްޓުގައި ސޮއިކުރަން އުނދަގޫވި ސަބަބަށެވެ. ބާސާގެ ރައީސް ލަޕޯޓާ ވިދާޅުވީ މެސީވެސް މަޑުކުރަން ބޭނުންވެ، ސޮއިކުރަން ތައްޔާރުވި ނަމަވެސް ކޮންޓްރެކްޓްގައި ވާ ގޮތަށް މެސީއަށް މުސާރަ ދޭން ލަލީގާއިން އިންކާރު ކުރި ކަމަށެވެ.
" މެސީއާއެކު އެއްބަސްވުމަކަށް އާދެވުނު. ދެ އަހަރުގެ މުސާރަ 2026 ވަނަ އަހަރާ ހަމައަށް ފައިސާ ދައްކާ ގޮތަށް ހުރިހާ ކަމަކަށް އެއްބަސްވެ ސޮއިކުރަން އޮތީ އިއްޔެ. އެކަމަކު ލަލީގާއިން އެ އެގްރީމަންޓްގެ ކަންކަން ބަލައެއް ނުގަތް. އެކަމަށް އެއްބަހެއް ނުވި. އެހިސާބުން އެނގުނު ސޮއި ނުކުރެވޭނެކަން. އެހެން ބައިވަރު އޮފާތައް ހުރި ނަމަވެސް މެސީ ބޭނުންވީ ބާސާގައި މަޑުކުރަން. އެހެން ހުށަހެޅުންތަކަށްވުރެ ބާސާގެ ހުށަހެޅުމުގައި މުސާރަ ކުޑަ ނަމަވެސް އެކަމަށްވެސް މެސީ މައްސަލަ ޖައްސާފައެއް ނުވޭ. އެކަންކަމަށް ނުބަލާވެސް މެސީ ސޮއިކުރަން ނިންމި، އެކަމަކުވެސް ލަލީގާއިން އެކަން ކުރަން އެއްބަހެއް ނުވި،" ލަޕޯޓާ ބުނެފައިވެއެވެ.
ލަޕޯޓާ ބުނެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކޮންޓްރެކްޓަކަށް ވާހަކަ ދެއްކި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި، ފައިނޭންޝިއަލް ފެއާ ޕްލޭ އުސޫލުތައް ލަލީގާގައި ހަރުދަނާ ކޮށްފައި އޮތް އޮތުން ބަލައިގަނެ، މެސީއާއެކު އެއްބަސްވުމަކަށް ނާދެވުން އެއީ ދެ ފަރާތަށްވެސް މާޔޫސްކަން ކުރިމަތިވި ކަމެއް ކަމަށެވެ.
ބައެއް ނޫސްތަކުން މިއަދު ބުނެފައިވާ ގޮތުގައި ބާސާއިން އިތުރަށް ވާހަކަ ދައްކާ، ލަލީގާއާއެކު އެއްބަސްވެ މެސީ އަދިވެސް ބާސާއަށް ސޮއި ކޮށްފާނެއެވެ. އެހެންނަމަވެސް ބާސާގެ ރައީސް ލަޕޯޓާ ވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ. އޭނާ ބުނެފައި ވަނީ ސަޕޯޓަރުންނަށް "ފޭކް" އުންމީދުތަކެއް ދޭން ބޭނުން ނުވާ ކަމަށާއި، ލަލީގާ އަވަސް ތާރީހެއްގައި ފަށަން އޮތުމުން މެސީގެ ކަންކަމުގައި ކްލަބަށް ޑެޑްލައިނެއް އޮތް ކަމަށެވެ. އެހެންކަމުން ދެން މެސީއަށްވެސް އޮތީ އެހެން ފުރުސަތުތަކަށް ބެލުން ކަމަށް ލަޕޯޓާ ފާހަގަކުރެއްވިއެވެ.
" މެސީއާއެކު ދެކެވެމުންދިޔަ ވާހަކަތައް ނިންމާލައިފިން. މެސީ ރަޖިސްޓްރީއެއް ނުކުރެވޭނެ ލަލީގާގެ އުސޫލުތަކުގެ ތެރެއިންނެއް. ލަލީގާގެ މުސާރަ ލިމިޓު އަހަރެމެންނަކަށް ފްލެކްސިބަލްއެއް ނޫން. އެހެންވީމާ މެސީ އެހެން ފުރުސަތުތަކަށް މިހާރު ދަނީ ބަލަމުން،" ލަޕޯޓާ ފާހަގަކުރެއްވިއެވެ.
ލަލީގާއިން މެސީގެ ސޮއިއަށް ހުއްދަ ދީފިނަމަ ސޮއިކުރާނެތޯ ސުވާލުކުރުމުން ލަޕޯޓާ ބުނެފައި ވަނީ ހުވަފެނީ ދުނިޔެއެއްގައި ނޫޅެވޭނެ ކަމަށާއި، ކިތައްމެ ވަރަކަށް އެކަން ވާން ބޭނުން ނަމަވެސް، ހަގީގަތާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މެސީ ދެން ދާނެ ކްލަބަކާ މެދު ގިނަ ބަޔަކު ސުވާލު އުފަންދަމުން ދެއެވެ. ވާނީވެސް އެހެންތާއެވެ. ތާރީހު ދުތް އެންމެ މޮޅު އެއް ކުޅުންތެރިޔާ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރުން ވެގެންދާނީ ފައިސާގެ ފުދުންތެރިކަން ހުރި ހުރިހާ ކްލަބަކުން އެކަމަށް ސަމާލުވާނެ ކަމަކަށެވެ. ބާސާ ރައީސް ލަޕޯޓާގެ ނަޒަރުގައިވެސް މެސީއަށް ގިނަ ހުށަހެޅުންތަކެއް އަންނާނެއެވެ. އެހެންނަމަވެސް މެސީގެ ކުރިމަގަށް އޭނާ ދޭނެ ޖަވާބެއް ނެތެވެ.
" އަހަރެން ވާހަކަ ދެއްކި މެސީއާއި އޭނާގެ ބައްޕައާވެސް. ބާސާއާއެކު ކުރިއަށް ދެވޭކަށް ދެން ނެތް. ދެން އޮތީ މުޅިން އާ މަރުހަލާއެއް. ބާސާއަށް މުޅިން އާ އެރާއެއް. މެސީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އެހެންވީމަ ހުށަހެޅުންތައް ލިބޭނެ. އެހެންވީމާ މެސީއަށް އެނގޭނެ މެސީ ދެން މިސާރާބު ޖަހާނެ ދިމާލެއް،" ބާސާގެ ރައީސް ލަޕޯޓާ ވިދާޅުވިއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި މެސީ ގެންދިޔުމަށް އެންމެ ކުރީގައި މަސައްކަތް ކުރަމުން ގެންދަނީ ޕީއެސްޖީންނެވެ. މެސީގެ އެޖެންޓާ ސީދާ ވާހަކަތައް ފެށުމަށް މިހާރު ޕީއެސްޖީން ވަނީ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް މެސީ ދާނެ ދިމާލެއްގެ އެއްވެސް ޔަގީން މައުލޫމާތެއް އަދި މީޑިއާއަށް ތިލަވެފައެއް ނުވެއެވެ. އަދި މެސީގެ ފަރާތުން ރަސްމީ ބަހެއްވެސް އަދި ބުނެފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު