އަންނަ ހަފުތާގައި ބްލޮކް ވެރިން ހޮވަން އިއުލާން ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މޭޔަރު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުގެ އަމާޒަކީ މާލޭގެ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން އަންނަ ހަފުތާގެ ތެރޭގައި ބްލޮކް ވެރިން ހޮވަން އިއުލާން ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަންނަ ހަފުތާގައި އިއުލާންކުރާނަން ބްލޮކް ވެރިން ހޮވުމަށް. އެބޭފުޅުން ހޮއްވަވާނީވެސް ތިބޭފުޅުން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ބްލޮކް ވެރިންގެ ޓީމުތަކަކީ، ސިޓީ ކައުންސިލާ ވަރަށް ގާތުން މަސައްކަތް ކުރަން ޖެހޭނެ ޓީމުތަކެއް ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތުގައި، ބްލޮކް ވެރިންގެ ޓީމުތަކުގެ ދައުރު ބޮޑު ކަމަށެވެ.

މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ، މާލޭގެ ކޮންމެ އަވަށަކަށްވެސް ވެރިއަކު ހޮވާނެ ކަމަށާއި، އެކަމަށްވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.