ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކްލަބަކާއެކު އަލަށް ސޮއިކުރަން އޮތް ކޮންޓްރެކްޓުގައި ސޮއިނުކޮށް އެހެން ކްލަބަކަށް ދާން ނިންމައިފިއެވެ.
މެސީ މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރީ، ބާސާއާއެކު ވެފައިވާ އެއްބަަސްވުމުގެ މުއްދަތު ހަމަވެފައި އޮތުމުންނެވެ.
ބާސެލޯނާގެ ރަސްމީ ޓުވިޓާ އެކައުންޓުން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ވަނީ ބާސާގައި މެސީ މަޑުނުކުރާނެ ކަން ކަށަވަރުކޮށްދީފައެވެ.
މިދިޔަ ސީޒަނުގައި ވެސް އޭނާ ވަނީ ބާސާ ދޫކޮށް ދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ބާސާގެ ކޮންޓްރެކްޓުގައި ބާކީ ސީޒަނެއް އޮތުމުން އެ ކްލަބުން ވަނީ އޭނާ ދޫކޮށްލުމަށް ދެކޮޅު ހަދައިފައެވެ. ސީޒަން ނިމުމުގެ ކުރިން މެސީގެ އެއްބަސްވުން އާކުރުމަށް ބާސާއިން މަސައްކަތްކުރި ނަމަވެސް، ކޮންޓްރެކްޓް ހަމަވި އިރުވެސް މެސީގެ ސޮއި ހޯދިފައެއް ނުވެއެވެ.
މެސީއަކީ ފާއިތުވެދިޔަ 17 އަހަރު ބާސާގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ.
މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލް ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ