ނެގަޓިވް ޕީސީއާރު ނަތީޖާއެއް ނެތި ދަތުރުކުރެވޭނެ އުސޫލެއް ހަދައި، އަންނަ މަހުން ފެށިގެން އެއަށް އަމަލުކުރަން ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އަތޮޅުތެރެއަށް ދަތުރުކުރުމުގައި އަންނަ މަހުން ފެށިގެން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ނަމަ ވެކްސިންގެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ ފަރާތްތަކަށްވެސް އަތޮޅުތެރެއަށް ދަތުރުކުރެވެނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ އަކާއެކުގައެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެމީހުން، ދަތުރުކުރާ ރަށުގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖަހާފައިވާނަމަ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެރަށްރަށަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުން ނުވާނެ ކަމަށެވެ.

"12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުނީމަ، އަދި މީގެ ތެރޭގައި 65 އަހަރުން މަތީގެ 95 އިންސައްތަ މީހުންނާއި ގެސްޓްހައުސް ހިންގާ ރަށެއްގައި ނަމަ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 95 އިންސައްތަ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރީމަ މިގޮތަށް މި ދެވެނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އެގޮތަށް ދަތުރުކުރެވޭނީ ފުރާ ރަށުގައި ސާމްޕަލް ޕޮޒިޓިވިޓީ ފަސް އިންސައްތައަށް ވުރެ ދަށުގައި ހުރި ނަމަ ކަމަށެވެ.