ސްޓެލްކޯގެ ބިމެއް މާލޭ ސިޓީ ކައުންސިލުން ހުސްކޮށްފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯނުން ސްޓެލްކޯއަށް ދީފައިވާ ބިމެއް އެ ކުންފުންޏަށް އެންގުމެއް ނެތި ސިޓީ ކައުންސިލުން ހުސްކުރި މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.

ސިޓީ ކައުންސިލުން ހުސްކޮށްފައިވަނީ، މާލޭގައި ގާއިމު ކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ތަކެތި ވަގުތީ ގޮތުން ބެހެއްޓުމަށް ސްޓެލްކޯއަށް މެރީ ބްރައުން ކުރިމަތިން ދީފައި އޮންނަ ބިމެވެ. އެ ބިން އެކުންފުންޏަށް ދީފައިވަނީ ކުރީ ސަރުކާރުންނެވެ.

އެކަމާ ގުޅިގެން މޭޔަރު މުއިއްޒު "ވަން" އަށް މިރޭ ވިދާޅުވީ، ސިޓީ ކައުންސިލުން އެއްވެސް ބައެއްގެ ބިމެއް ހުސްކުރި ކަން އެނގިފައި ނުވާ ކަމަށާއި އެއީ ސިޓީ ކައުންސިލުން އަމަލު ކުރާނެ ގޮތެއްވެސް ނޫން ކަމަށެވެ.

"ސިޓީ ކައުންސިލުން އެގޮތަށް ބައެއްގެ ބިމެއް ހުސްނުކުރާނެ. ތިކަން (ސްޓެލްކޯ ބިމުގެ ކަންތައް) އަޅުގަނޑުވެސް ޖެހޭނީ އިތުރަށް ބަލާލަން،" މުއިއްޒު ވިދާޅުވިއެވެ.

ސްޓެލްކޯގެ އޮފިޝަލަކު ރޭ "ވަން" އަށް ވިދާޅުވި ގޮތުގައި ފެންސް ޖަހައި ބަންދުކޮށްފައިވާ އެ ބިން ހުސްކޮށް ސިޓީ ކައުންސިލުން ވަނީ ބައެއް ތަކެތިވެސް ގެންގޮސްފައެވެ.

ސިޓީ ކައުންސިލުން ހުސްކުރި ބިން މުސްތަގުބަލުގައި ބޭނުން ކުރަން ސްޓެލްކޯއިން ނިންމާފައިވަނީ ބުރިޖަކުން މާލެއާ ގުޅީފަޅު ގުޅާލުމުން، ބުރިޖާ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ޓްރާންސްފޯމަރު ބެހެއްޓުމަށެވެ.