މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އިންޑިއާއިން ސިއްރު އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ކުންފުނި، އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް ކަން ހާމަވެއްޖެއެވެ.
ސެޓެލައިޓް ފޮޓޯތަކާއި އެހެނިހެން ހެކިތަކަށް ބިނާކޮށް "އަލް ޖަޒީރާ އިންވެސްޓިގޭޝަންސް"އިން ބުނެފައިވަނީ އިންޑިއާއިން އަގަލެގާގައި މިލިޓަރީ ބޭސްއެއް ހަދަމުންދާ ކަމަށާއި އަދި އެ ރަށުގައި ހަދަމުންދާ އެއާސްޓްރިޕް ބޭނުން ކުރާނީ އިންޑިއާ ކަނޑުގެ ސިފައިންގެ މެރިޓައިމް ޕެޓްރޯލް މިޝަންތަކަށް ކަމަށެވެ.
އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އެ ބޭސް އެޅުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮން ކުންފުންޏާއެވެ. އަދި އެ މަސައްކަތް އެފްކޮން ކުންފުންޏާ ހަވާލުކޮށްފައިވަނީ 250 މިލިއަން އެމެރިކާ ޑޮލަރަށްކަން އަލްޖަޒީރާއިން ހޯދާފައިވާ ބައެއް ލިޔެކިޔުންތަކުގައިވެއެވެ.
އެފްކޮން އަކީ އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމަކާއި މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވާ ކުންފުންޏެވެ. އިންޑިއާގެ އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1.1 ބިލިއަން ދިވެހި ރުފިޔާއަށެވެ.
މީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ވެސް ހަވާލުކުރުމަށް ނިންމާފައިވަނީ އެ ކުންފުންޏާއެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް ހަދާ 6.7 ކިލޯ މީޓަރުގެ ބުރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ތިލަމާލެ ބްރިޖުގެ މަޝްރޫއަށް 488 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
އަގަލޭގާގައި އިންޑިއާ އިން މި މަސައްކަތް ކުރަމުން ދަނީ އިންޑިއާ ސަރުކާރާއި މޮރިޝަސް ސަރުކާރާ ދެމެދު 2015 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. ދެ ގައުމުން އެއްބަސްވީ އެރަށުގެ ކަނޑާއި ވައިގެ ދަތުރުތަކާ ގުޅޭ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ފުޅާ ކުރުމަށެވެ. އެގޮތަށް ނިންމީ ދުރުގައި އޮންނަ ރަށްރަށާއި އެހެން ރަށްރަށް ގުޅާލުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް އެހީވުމަށެވެ.
އަލްޖަޒީރާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ރަށުގައި ބޮޑު ދެ ބަނދަރު ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ތިން ކިލޯމީޓަރުގެ ރަންވޭއެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. އެ ރަންވޭއަށް އިންޑިއާގެ މެރިޓައިމް ޕެޓްރޯލަށް ބޭނުންކުރާ ޕީ-8އައި މަތިންދާބޯޓުތަކަށް ޖެއްސޭނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެފައިވެއެވެ.
މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދް ޖަގްނައުތު މި އަހަރުގެ މޭ މަހު މޮރިޝަސްގެ މަޖިލިސް ޖަލްސާއެއްގައި ވިދާޅުވެ އަގަލެގާގައި ކުރިއަށްދާ މަޝްރޫއަކީ އަސްކަރީ ބޭސްއެއް އެޅުމުގެ މަޝްރޫއެއް ނޫން ކަމަށެވެ. އަދި އެރަށުގައި އަސްކަރީ މަރުކަޒެއް އެޅުމަށް އިންޑިއާއާއެކު އެއްވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަގަލެގާގައި އަސްކަރީ ބޭސްއެއް އަޅާކަމަށް ތުހުމަތު ކުރެވެމުންދާ އިރު، އައްޑޫގައި ހެލިކޮޕްޓަރު ދުއްވުމަށާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމަށް އިންޑިއާ ސިފައިން ބައިތިއްބާތީ ވަރަށް ގިނަ ދިވެހިން ކަންބޮޑުވުން ފާޅުކުރެއެވެ.
އެގޮތުން އައްޑޫގައި އިންޑިއާއިން ޕޮލިސް އެކަޑަމީ އާއި އިންޑިއާގެ ކޮންސިއުލޭޓް އެޅުމަށް މަސައްކަތް ކުރަމުންދަނީ އިންޑިއާ ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ބެއިތިއްބުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބައެއް ދިވެހިން ތުހުމަތު ކުރެއެވެ.
އޭގެ އިތުރުން އުތުރު ތިލަފަޅުގައި އިންޑިއާ ސަރުކާރުން ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރުމަށް ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެތަން ހަދަނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީ ކުރާއިރު، އެތަނުގައި އިންޑިއާ ސިފައިން ތިބޭނެ ކަމުގެ ތުހުމަތުތައްވެސް ދަނީ ކުރެވެމުންނެވެ.
ނަމަވެސް ދިވެހި ސަރުކާރުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ބުނެފައިވަނީ ބޭރުގެ އެއްވެސް މިލިޓަރީ ބޭސްއެއް އަދި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ދާއިމީކޮށް ނުތިބޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު