އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތަކަށް ތައްޔާރުވާން ސައުދީ އަރަބިއްޔާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަލް ކްލަބުން ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުގައި ސައުދީ އަރަބިއްޔާގެ ވަރުގަދަ ކްލަބެއް ކަމަށްވާ އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު ބަލިކޮށްފި އެވެ.

އިއްތިހާދުގެ ޒުވާން ޓީމު އަތުން މާޒިޔާ މޮޅުވީ 2-1 އިންނެވެ. އަލް އިއްތިހާދުގެ ޒުވާން ޓީމުން މެޗުގައި ފުރަތަމަ ގޯލް ޖެހި ނަމަވެސް މާޒިޔާއިން ވަނީ ފަހަތުން އަރާ ދެ ގޯލް ޖަހައި ނަތީޖާ އަނބުރާލާފައެވެ. މާޒިޔާ އަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ޒުވާން ތަރި ނާއިޒު ހަސަން (ދާދު) އެވެ.

މެޗަކީ ރޭގަނޑު ކުޅެން ހަމަޖެއްސި މެޗެއް ނަމަވެސް ދިމާވި ކަމެއްގެ ސަބަބުން މެޗު ކުޅެން ޖެހުނީ ހަވީރު އެވެ. މެޗު ކުޅުނުއިރު ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްގަ އެވެ. އެއީ މާޒިޔާއަށް އުނދަގޫތަކަކާ ކުރިމަތިވި ހާލަތެކެވެ.

މާލޭގައި މި މަހު ހޯސްޓްކުރާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތަކުގެ ތެރެއިން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އޭޓީކޭ މޯހަން ބަގާންއާ ބައްދަލުކުރުމަށް ފަހު އޭގެ ތިން ދުވަސް ފަހުން އަންނަ މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

އެންމެ ފަހުން ދެ ފަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ ޓާގެޓަކީ މި ފަހަރުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ.