ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައިގައި، ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަސް ދިނުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ސައްފަތު ހަބީބު ބައްލަވާ އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަށް ޑރ. މުއިއްޒު ވަޑައިގަތީ ގިނިކަންޏާ އެވެ. އަދި މައްސަލައިގައި ހިމެނޭ ލިޔުންތައް ލިބުނުތޯ ސުވާލު ކުރެއްވުމުން ޑރ. މުއިއްޒު ވިދާޅުވީ، އެކަން ކަށަވަރު ވާނީ ގާނޫނީ ވަކީލެއް ބެލުމުން ކަމަށާއި ވަކީލަކު އައްޔަނު ކުރުމަށްފަހު މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށެވެ. ވަކީލަކު އައްޔަނު ކުރެއްވުމަށް ގާނޫނުން ލިބޭ އެންމެ ދިގު މުއްދަތެއް ދެއްވުމަށް ވެސް ޑރ. މުއިއްޒު އެދިވަޑައިގަތެވެ.
އާންމުކޮށް މައްސަލަތަކުގައި ވަކީލަކު އައްޔަނު ކުރެއްވުމަށް ދެނީ 10 ދުވަސްކަން ފާހަގަކުރައްވައި ގާޒީ ސައްފަތު ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ވަކީލަކު އައްޔަނު ކުރެއްވުމަށްފަހު ކޯޓަށް އެންގެވުމަށެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައި ނުވަނީ، ފުރަތަމަ މައްސަލަ ހަވާލުވި ގާޒީ އެހެން ކޯޓަށް ބަދަލުވުމުންނާއި އަދި ފަހުން ހަވާލުވި ގާޒީ މައްސަލައިން ތަނާޒުލް ވުމުން ކަމަށް ސައްފަތު ވިދާޅުވި އެވެ.
"ޝަރީއަތުން މަސައްކަތް ކުރާނަން ހަމަ މި ސެކްޝަނުގެ އެހެން މައްސަލަތައް ކުރިއަށް ގެންދެވޭ ރޭޓްގައި އަވަސްކޮށް މައްސަލަ ނިންމާލެވޭތޯ،" ގާޒީ ސައްފަތު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ މައްޗަށް ދައުވާކުރަނީ ޖޫން 25، 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިއަކަށް ވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު