ކުޅިވަރު

ހާލަންޑުގެ ހިޔާލު ދޫކޮށް، ޗެލްސީން ލުކާކޫއާ ދިމާލަށް

ޑޯޓުމަންޑުގެ ވަރުގަދަ ފޯވަޑް، އާލިން ހާލަންޑު ނުގެންދެވޭނެހެން ހީވުމުން ޗެލްސީން އިންޓަ މިލާންގެ ފޯވަޑް ރޮމެލޫ ލުކާކޫ ގެންދަން ޓާގެޓް ޖަހައިފިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން ވަނީ ލުކާކޫ ހޯދަން މިހާރު ބިޑް ކޮށްފައެވެ. ޗެލްސީގެ ޑިފެންޑަރު މާކަސް އެލޯންސޯއާއެކު އިތުރު 100 މިލިއަން ޕައުންޑް ޗެލްސީން ލުކާކޫއަށް ހުށަހެޅި ކަމަށް ނޫސްތަކުން ބުނެފައިވާއިރު، އިންޓައިން ތަކުރާރުކޮށް ބުނަމުންދަނީ ލުކާކޫ ނުވިއްކާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި ޗެލްސީން މަސައްކަތް ކުރަމުންދަނީ އިންޓަ މިލާންގެ ފައިނޭންޝިއަލް ކްރިސިސްގެ ފައިދާ ނެގުމަށެވެ. އިންޓަ މިލާނުން މިދިޔަ ސީޒަންގެ ސެރެއާ އޭ ނެގި ނަމަވެސް އެޓީމުން މި ސީޒަންގެ ކުރިން އިއުލާންކުރި ފައިސާގެ ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ. އެހެންކަމުން ބައެއް ކުޅުންތެރިން ދޫކުރަން އިންޓައިން ނިންމި ނަމަވެސް، އެޓީމުން ކުރިންވެސް ބުނީ ލުކާކޫ ފޮނުވާލަން ބޭނުން ނުވާ ކަމަށެވެ.

ޔޫރޯގައި ބެލްޖިއަމްއަށްވެސް ރަނގަޅު ކުޅުމެއް ދެއްކި ލުކާކޫ އަންނަނީ އިންޓަގެ ތަމްރީނުތަކަށް ނުކުމެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އޭނާގެ ފިޓްނަސް ލެވެލް ވަރަށް ރަނގަޅަށް ފެންނައިރު، ގިނަ ކްލަބުތަކަކުން މިހާރުވެސް ދަނީ ލުކާކޫއަށް ފާރަލަމުންނެވެ.

ޗެލްސީން އޮލިވިއާ ޖިރޫޑު އޭސީ މިލާނަށް ފޮނުވާލާފައިވާއިރު، އެޓީމުން ފޯވަޑެއް ހޯދަން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ހާލަންޑުގެ އިތުރުން ހެރީ ކޭންއަށްވެސް ޗެލްސީން ބަލަމުންދާކަން ހަބަރުތަކުން ވަނީ އެނގިފައެވެ.

އުމުރުން 28 އަހަރުގެ ފޯވަޑް ލުކާކޫ ވަނީ މިދިޔަ ސީޒަންގައިވެސް 24 ގޯލް ޖަހައި، 11 ގޯލަށް އެސިސްޓް ކޮށްދީފައެވެ. އިޓަލީ ލީގުގައި އޭނާއަށްވުރެ ގިނަ ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ލުކާކޫއަކީ އޭނާގެ ޒުވާން ދުވަސްވަރުގައިވެސް ޗެލްސީއަށް ކުޅުނު ފޯވަޑެކެވެ. 2011 ވަނަ އަހަރު ބެލްޖިއަމްގެ އަންދަރުލެޗުން ލުކާކޫ ޗެލްސީއަށް ގެންދިޔަ ނަމަވެސް އޭރު އޭނާއަށް ޗެލްސީގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.