ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު މިއަދު ފުލުހަށް ހާޒިރު ކުރީ، ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރިއަށްގެންދާ ތަހުގީގާ ގުޅިގެން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.
މިއަދު މެންދުރު 2:00 ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ދޮޅު ގަޑިއެއްހާއިރު ފަހުން ބޭރަށް ނިކުމެވެވަޑައިގަތް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މުހައްމަދު ރާގިބު އަހުމަދު ވިދާޅުވީ، މިއަދު ވެސް ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން އެތައް ފަހަރަކު ހާޒިރުކޮށް ތަހުގީގު ވެސް ނިމިފައިވާ ކަމަށް ބުނެފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އެހެން ނަމަވެސް އެ މައްސަލައަކީ މީގެ ކުރިން ތަހުގީކޮށް ނިމި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވިފައިވާ މައްސަލައަކަށްވާތީވެ ގާނޫނީ ގޮތުން ދެވަނަ ތަހުގީގެއް ކުރެވިގެން ނުވާނެ ކަމަށް އަޅުގަނޑުމެންނަށް ފެނިގެން ރައީސް ވެސް ވަނީ އެކަން ފާހަގަކުރައްވާފައި. މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދެއްވާނެ ބަޔާނެއް ނެތް ކަމަށް، ދެއްވާނެ މައުލޫމާތެއް ނެތް ކަމަށް ޖަވާބު ދެއްވާފައި. އެގޮތަށް ކުރު ބަޔާނެއް ދެއްވުމަށްފަހު ތަހުގީގު އެއްކޮށް ނިމިގެން ދިޔައީ،" ރާގިބް ވިދާޅުވިއެވެ.
އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށްފަހު ދައުވާކުރުމާ މެދު ހަތް ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށް ރާގިބް ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީން މާފުށީ ޖަލުގައި އޮތް އިރުވެސް ހަތަރު ފަހަރަކު ކަނޑު ހުރަސްކޮށް އެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަން އެމަނިކުފާނު ވެސް ފާހަގަކުރެއްވި،" ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ މުހައްމަދު ޝަހީދު ވިދާޅުވިއެވެ.
އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ރަށް ވަނީ ވ. ފެލިދޫ ކައުންްސިލާ ހަވާލުކޮށްފައެވެ.
އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ރަށް އޭގެ ފަހުން ވަނީ ބޭރުގެ ކުންފުންޏަކަށް ވިއްކާލައިފައެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރީވެސް އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނިލޯންޑާ ކުރުމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.
ނަމަވެސް އެމަނިކުފާނު މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު