Close
ޚަބަރު

ވަގުތީ ހައްލެއް ގެނެސް ފުވައްމުލަކަށް ކަރަންޓް ދީފި

މުއާވިޔަތު އަންވަރު

ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން، ރޭ ފަތުހި މުޅި ފުވައްމުލަކު ސިޓީން ކަރަންޓު ކެނޑުނު ނަމަވެސް ވަގުތީ ހައްލެއް ގެނެސް ކަރަންޓް އަލުން ދީފި އެވެ.

ފުވައްމުލަކަށް ކަރަންޓްގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ، 2500 ކިލޯ ވޯޓްގެ ޓްރާންސްފޯމަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސިޓީން ކަރަންޓް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލު ކުރުމަށް އައްޑޫ ސިޓީން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ޓްރާންސްފޯމަރަށް ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެސް މިހާރު ވަނީ މުޅި ސިޓީއަށް ކަރަންޓު ދީފައި ކަމަށް ފުވައްމުލަކު އިންޖީނުގޭގެ މެނޭޖަރު ހުސައިން ޝާފީ އިބްރާހިމް 'ވަން' އަށް ވަނީ ވިދާޅުވެފަ އެވެ.

"ކަރަންޓް މި ކެނޑުނީ މެއިން ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާ ގުޅިގެން. ބޮޑަށް ބެލެވެނީ އޯވާރ ހީޓްވީ ކަމަށް،" ޝާފީ ވިދާޅުވި އެވެ.

އެކަމަށް ވަގުތީ ހައްލެއް ގެނެސް ކަރަންޓް ދީފައިވާއިރު، އައްޑޫ އިން އިތުރު ޓްރާންސްފޯމަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަން ޝާފީ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އައްޑޫ އިން ގެނައުމަށް މަސައްކަތްކުރާ ޓްރާންސްފޯމަރު ލޯޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދާއިމީ ހެއްލެއް މާދަމާ ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފުވައްމުލަކަށް ވަގުތީ ގޮތުން ކަރަންޓް ދީފައިވާއިރު، ކޮންމެހެން ބޭނުން ކުރަން ޖެހޭ އިލެކްޓްރިކް އާލާތްތައް ނޫނީ ބޭނުން ނުކުރުމަށް ފެނަކަ އިން ވަނީ އެދިފަ އެވެ.