ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކި އެކި ތަހުގީގީ އިދާރާތަކަށް ހާޒިރުކޮށް، އެކި ދައުވާތައް އުފުލަނީ މި ސަރުކާރު ދަމަހައްޓަން ބޭނުންވާ ހަތިޔާރަކަށް އެމަނިކުފާނު ހެދުމުގެ ގޮތުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު "ވަން"އަށް ވިދާޅުވީ ސަރުކާރުން ދައްކާ ބިރަކަށް ރައީސް ޔާމީން ނުސިހޭނެ ކަމަށާއި ސާބިތުކަމާއެކު ކޮންމެ ކަމަކާ ވެސް އެމަނިކުފާނު ކުރިމަތިލައްވާނެ ކަމަށެވެ.
"ރައީސް ޔާމީން ކޮންމެ ކަމަކާ ވެސް ކުރިމަތިލައްވާނެ ވަރަށް ކެރިގެން ސާބިތުކަމާއެކު. ރައީސް ޔާމީނަށް އަނިޔާކޮށް މި ސަރުކާރުން ޖެއްސުން ކުރާ ކޮންމެ ދުވަހަކީ ރައީސް ޔާމީންގެ ތާއީދު ކޮންމެ ދުވަހަކު އެތައް ގުނައަކުން އިތުރުވެގެންދާ ދުވަހެއް،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލާގައި ރައީސް ޔާމީންގެ ބައިވެރިވުމެއް ނެތް ކަމަށް އެ ކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވާކަށެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ނަންފުޅު އެ މައްސަލާގައި ނުހިމަނައި، މިއަދު ކުއްލިއަކަށް އެމަނިކުފާނުގެ ނަންފުޅު އެ މައްސަލައިގެ ތެރެއަށް ވެއްދުމަކީ އަގުވައްޓާލަން ކުރާ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުކުރަނީ އަންނަ އަންގާރަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނު ހާޒިރުކުރަނީ އެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅުއްވި ކަމުގެ ތުހުމަތުގައެވެ.
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)