ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނިކުމެ ހެދުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ނިންމުން ނިންމީ ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

މި ނިންމުމާ އެކު މިހާރު ވެކްސިން ފުރިހަމަ ނުލޮށް ތިބި ޓީީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ވެކްސިން ޖެހޭ އުމުރުގެ ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނެވެރިންނަށް ވެސް ސްކޫލްތަކަށް ނުވަދެވޭނެއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހޭ ހާލަތްތަކުގައި ތިބި މުވައްޒަފުންނާއި ބެލެނެވެރިންވެސް ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ އެ ނިންމުމަށް އަމަލުކުރުމުގައި ދަރިވަރުން އިސްތިސްނާ ވާނެ ކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުގައި ތިބި ހުރިހާ އެންމެނަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް މިހާރު ސަރުކާރުން ވަނީ ފަށާފައެވެ. އަދި މި މަސް ނިމެންވާއިރަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.