މޮނިކޮން އަމުރު ތަންފީޒުކޮށްގެން ނޫނީ ރާއްޖޭގައި އަމަންއަމާންކަން ގާއިމު ނުކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު "ވަން"އަށް މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ތުނބުޅިލީ މީހުންނާއި ފައިކުރި ކުރު މީހުން ހައްޔަރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހައްލަކީ މޮނިކޮން އަމުރު ތަންފީޒު ކުރުން ކަމަށެވެ.
"މީގަ އަޅުގަނޑު ދަންނަވާނީ ރާއްޖޭގަ ކްރައިމްގަ ވެސް އަދި ޓެރަރިޒަމްގަވެސް ސޮލިއުޝަނަކީ މޮނިކޮން އެކްޓޭ. މޮނިކޮން އެކްޓެއް ނުލައި ރާއްޖޭގައި އަމަންއަމާންކަމެއް ގާއިމެއް ނުކުރެވޭނެ. ދީނީ ގޮތުން މަގުއޮޅިފަ ތިބި މީހުންނާ މެދު އަމަލުކުރަން ޖެހުނަސް، އަދި ބޮޑެތި ގޭންގުތަކާއި ކުށްވެރިންނާ މެދު އަމަލުކުރަން ޖެހުނަސް މޮނިކޮން އެކްޓް ބޭނުން ނުކޮށް އެކަން ނުކުރެވޭނެ. މި ސަރުކާރު އައުމަށްފަހު މޮނިކޮން އެކްޓަކަށް އަމަލެއް ނުކުރޭ. އަޅުގަނޑަށް ޔަގީން މޮނިކޮން އެކްޓް އަލުން ގެނެސްގެން ނޫނިއްޔަކާ މި މައްސަލަ ހަމައެއް ނުޖެއްސޭނެ،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީހަކު ހައްޔަރުކުރެވޭނީ ކޯޓެއްގައި ސާބިތު ކުރެވޭ މިންވަރަށް އެމީހަކާ ދެކޮޅަށް ހެކި ހުރެގެން ކަމަށެވެ. އެހެންވެ ހެކި ނެތް މީހުންނާ މެދު ފިޔަވަޅު އަޅަނީ މޮނިކޮން އަމުރުން ކަމަށް އުމަރު ވިދާޅުވިއެވެ.
ގޭންގު ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް މޮނިކޮން އަމުރު ނެރެ، ފައިގައި ޓެގް އެޅުވުން ނޫން ގޮތެއް ނެތްކަން މި ސަރުކާރަށް ވެސް އެނގޭ ކަމަށާއި އެކަން ކުރަން ނުކެރިގެން އުޅެނީ އެމްޑީޕީން މީގެ ކުރިން އެކަމަށް ހަޖޫ ޖަހާފައިވާތީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިހާރު އެމީހުންނަށް މޮނިކޮން އެކްޓް ގެންނަން ނުކެރިގެން އުޅެނީ މޮނިކޮން އެކްޓަށް ހަޖޫ ޖަހައި، ޖޯކްޖަހައި ހެދީމަ. އެކަމަކު އާހިރުގަ އެމީހުންނަށް ވެސް ހިތުގެއަޑިން ގަބޫލު ކުރެވޭނެ މޮނިކޮން އެކްޓް ގެންނަން ކަން ޖެހޭނީ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޯމް މިނިސްޓަރާ ބައްދަލުކޮށް ދެއްކި ވާހަކައިގަ ވެސް މޮނިކޮން އަމުރު ނުހިންގަނީ ކީއްވެތޯ ސުވާލުކޮށް، އެކަމާ މެދު ހިތްމަނުޖެހުން ފާޅުކޮށްފަ ވަނީ،" އުމަރު ވިދާޅުވިއެވެ.
މޮނިކޮން އަމުރަށް ފާޑުކިޔައި އެމްޑީޕީން މީގެކުރިން ދައްކާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ މޮނިކޮން އަމުރަކީ އުމަރު ނަސީރުގެ އެއްޗެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ އެހެން ގަމުތަކުގައި އަމަލުކުރަމުން އަންނަ ގޮތެއް ކަމަށެވެ. އަދި ރާއްޖޭގައި މޮނިކޮން އަމުރުގެ އުސޫލު ގާނޫނުގައި ލިޔުނީ ބޭރު ގައުމުތަކުގައި އަމަލުކުރާ ގޮތް ނަމޫނާއަކަށް ބަލައިގެން ރާއްޖޭގެ ހާލަތަށް އެކަން ފެއްތުމަށްފަހު ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވިގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ލެވެލްގައި ރާއްޖޭގައި ހަރުކަށި ފިކުރެއް ނެތެވެ. ރާއްޖެއަށްވުރެ މާ މަތީ ލެވެލްގައި ޔޫރަޕްގެ ގައުމުތަކުގައި ހަރުކަށި ފިކުރު އޮންނަ ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަ ޔޫރަޕް ފެންވަރަށް ބޮޑު ނުވެ އޮތީ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ބުރަ މަސައްކަތުން ކަން އުމަރު ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ މީހުން އަނބުރާ މުޖުތަމައަށް ގެންނަން ސަރުކާރުން މަސައްކަތް ކުރަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ހަރުކަށި ފިކުރުގެ މީހުން އަނބުރާ މުޖުތަމައުއަކަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރޭ. އެމީހުންނާ ކޮންފްރަންޓް ކުރުމުގެ މަސައްކަތް ކުރަނީ. އެމީހުންނަށް ޖެހޭނީ ދީނީ އިލްމުވެރިން ލައްވައި ނަސޭހަތް ދީގެން ދީނުގަ ހަގީގަތުގައި ކަން އޮތް ގޮތް ބުނެދޭން ޖެހޭނީ. އެއީ ކޮށްދޭން ޖެހޭ ކަމަކީ ހަގީގަތުގައި. އަދި އޭގެތެރެއިން ވަރަށް މަދު ބަޔަކު ވަޔަލެންސާ ހަމަޔަށް ދަނީ. އެފަދަ މީހުންނާ މެދު ގާނޫނުގައި އޮންނަ ގޮތުގެމަތިން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ. އެކަމަކު އެ ހިސާބަށް ދިއުމުގެ ކުރިން ދީނީ އިލްމުވެރިން ލައްވައި ނަސޭހަތް ދޭނަމަ މިއީކީ އެއްވެސް ކަމެއް ނޫން މި ދިވެހި މުޖުތަމައުން ކޮންޓްރޯލްކޮށްލާކަށް،" އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ގެންދަނީ ބައެއް މީހުން ކާފަރުންގެ ގޮތުގައި އަމިއްލައަށް ކަނޑައަޅައި އެފަދަ މީހުންނަށް ހަމަލާދެމުންނެވެ. އަދި ބައެއް ތަންތަނުން ވައްކަން ކުރުމަކީ ހުއްދަކަމެއް ކަމަށް އަމިއްލައަށް ކަނޑައަޅައި ބޮޑެތި ވައްކަންތައް ވެސް އެފަދަ މީހުން ކުރެއެވެ.
އުމަރު ނަސީރު
އުމަރު ނަސީރު
އުމަރު ނަސީރު